25 Aug 2016, 08:30
ޕަޕަރާޒީންގެ އުނދަގުލަކީ މަޝްހޫރު ފަރާތްތަކަށް ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހޭ ކަމެކެވެ. އެންމެ ފަހުން މިފަދަ ހާދިސާ އަކާ ކުރިމަތިލާން ޖެހިފައި ވަނީ މިހާރު ކެމެރާއާ ދުރުގައި ހުރި ކުރީގެ ކާމިޔާބު އެކްޓްރެސް ރާނީ މުކަރްޖީ އަށެވެ.
ރާނީ އަކީ ވަރަށް ސިއްރުން އުޅޭ ފަންނާނެކެވެ. ރާނީ އާއި އަދިތުޔަ ޗޯޕްރާގެ ކައިވެންޏަކީ ވެސް ސިއްރުން ކުރެވިގެން ދިޔަ ކަމެކެވެ. 2014 ވަނަ އަހަރު ދެމީހުން ކައިވެނި ކުރުމަށް ފަހު މިހާރު ވަނީ ކައިވެންޏަށް ކުއްޖަކު ވެސް ލިބިފައެވެ.
ދެމީހުންގެ ދަރިފުޅަށް މިހާރު އަށް މަސް ފުރިފައި ވާއިރު، އެއްވެސް މީޑިއާ އަކުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެ ކުއްޖާގެ ފޮޓޯއެއް ވެސް ފެނިފަ އެއް ނުވެއެވެ.
އެހެންކަމުން ރާނީގެ ދަރިފުޅުގެ ފޮޓޯއެއް ނެގުމަށް މަސައްކަތް ކުރާ މީހުން ވަރަށް ގިނައެވެ. ވަރަށް ފަހުން ދަރިފުޅާއެކު މުމްބާއީ އެއާޕޯޓުގައި ހުއްޓާ ވެސް ބަޔަކު ވަނީ ދެމައިންގެ ފޮޓޯ ނެގުމަށް މަސައްކަތް ކޮށްފައެވެ.
ޚަބަރުތައް ބުނާގޮތުން، ދަރިފުޅުގެ ފޮޓޯ ނަގަން މަސައްކަތް ކުރުމުން ރާނީ ވަނީ ވަރަށް ބޮޑަށް އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި ކެމެރާ ހިފައިގެން ހުރި މީހާއަށް ދަރިފުޅުގެ އެންމެ ފޮޓޯއެއް ވެސް ނަގައިގެން ނުވާނެ ކަމަށް ވަނީ އަންގައިފައެވެ.
ވަރަށް ފަހުން ވެސް ރާނީގެ ދަރިފުޅުގެ ފޮޓޯތަކެއް ކަމަށް ބުނެ، ފޭކު އެކައުންޓަކުން ވަނީ ފޮޓޯ ތަކެއް އާންމުކޮށްފައެވެ. ނަމަވެސް ރާނީގެ ފަރާތުން ވަނީ އެކަން ދޮގުކޮށްފައެވެ.
ރާނީ އަކީ ދަރިފުޅުގެ ފޮޓޯ ނެގުމަށް އިންކާރު ކުރި ފުރަތަމަ ފަންނާނެއް ނޫނެވެ.