25 Aug 2016, 08:21
ބޮލީވުޑުގެ އެންމެ ހުނަރުވެރި އެއް އެކްޓަރު ކަމުގައިވާ އާމިރު ޚާންގެ މަސައްކަތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މަސައްކަތްތަކެކެވެ. އަދި އާމިރު ޚާން މަސައްކަތް ކުރާ ޝެޑިއުލު ފަދަ ކަންކަން ބަލަން ބޭނުންވާ މީހުން ވެސް ވަރަށް ގިނައެވެ.
އެހެންކަމުން އާމިރު މިހާރު ވަނީ ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިން ތަމްރީނު ކުރުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.
އާމިރު ޚާންގެ މެނޭޖަރާއި ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، އެ މަސައްކަތުގެ ދަށުން ކޮންމެ އަހަރަކު ދެ ކުދިން ތަމްރީނު ކުރާނެއެވެ. އެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ދާނީ އިންޓާންޝިޕެއް ކުރިއަށްދާ ގޮތަށެވެ.

އާމިރުގެ ކުރިއަށް އޮތް ފިލްމު ދަންގާލް ގެ ޕޯސްޓަރެއް: ތަމްރީނު ޕްރޮގްރާމުގައި ފުރަތަމަ ތަމްރީނު ވެގެންދާނީ އެ ފިލްމުގައި ހަރަކާތްތެރިވާ ދެ ކުދިން --
އެގޮތުން، ތަމްރީނަށް ހޮވޭ ދެ ކުދިން އާމިރުގެ ހުރިހާ ޝޫޓުތަކާއި، ބައްދަލުވުންތަކާއި، ސްކްރިޕްޓް ކިޔުމާއި ރިހާސަލް ތަކަށް ގެންގޮސް އެކުދިންނަށް ކަންކަން ކިޔައިދޭނެ ކަމަށް އާމިރުގެ މެނޭޖަރު ވަނީ ބުނެފައެވެ.
"އާމިރު ބޭނުންވަނީ އޭނާ އަށް ލިބިފައި ހުރި ތަޖުރިބާ ކުރިއަށް އޮތް ޖީލުތަކާ ހިއްސާ ކުރަން. އެހެންވީމަ ކޮންމެ އަހަރަކު ދެ ކުދިން ތަމްރީނު ކުރުމަށް ވަނީ ނިންމާފައި،" މެނޭޖަރު ބުންޏެވެ.
އެ ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ތަމްރީނު ވެގެންދާނީ އާމިރުގެ ކުރިއަށް އޮތް ފިލްމު "ދަންގާލް" ގައި އޭނާ އާއެކު ފެނިގެންދާ ދެ ކުދިން ކަމުގައިވާ ފާތިމާ ސަނާ ޝައިޚް އަދި ސާނިޔާ މަލޯތުރާ އެވެ.