ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން އަކީ ބޮލީވުޑުގައި އެންމެ ބޮޑު އަގަކަށް ފިލްމު ކުޅެދޭ ނުވަތަ އެންމެ އަގުބޮޑު ތަރިއެވެ. ނަމަވެސް "ޕީކޫ" ގެ ތަރި މިހާރު މިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އަންހެން އެކްޓަރުންގެ ލިސްޓުން ވެސް ޖާގަ ހޯދައިފައެވެ.

އެމެރިކާގެ ވިޔަފާރިއަށް ޚާއްސަ ނޫސް، ފޯބްސް އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، ދީޕިކާ ހިމެނިފައި ވަނީ އެންމެ އަގުބޮޑު އަންހެން ބަތަލާއިންގެ ލިސްޓުގެ 10 ވަނައިގައެވެ.

ދީޕިކާއަށް އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަން ޑޮލަރު ލިބޭ ކަމަށް ފޯބްސް އިން ހާމަކުރެއެވެ. އެއީ ފިލްމު ކުޅުމުގެ އިތުރުން، ގަހަނާގެ ބްރޭންޑެއް ކަމުގައިވާ "ތަނިޝްކް" އާއި ވިސްތާރާ އެއާލައިންސްގެ އެމްބެސެޑަރެއްގެ ގޮތުގައި އޭނާ ކުރާ މަސައްކަތަށް ލިބޭ އާމްދަނީ އެވެ.

ދީޕިކާ އަކީ އެ ލިސްޓުގައި ހިމެނުނު ހަމައެކަނި އިންޑިއާގެ ފަންނާނުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ އިންޑިއާގެ ފަންނާނަކު މި ލިސްޓުގެ ގަދަ 10 އެއްގައި ހިމެނުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު އަންހެން ބަތަލާއިންގެ ލިސްޓުގެ އެއްވަނަ ލިބެނީ "ހަންގަރ ގޭމްސް"ގެ ތަރި ޖެނިފާ ލޯރެންސް އަށެވެ. މިއީ އޭނާގެ މަގާމު ދިފާއު ކުރި ދެވަނަ ފަހަރެވެ. ޖެނިފާ އަށް އަހަރެއްގެ މައްޗަށް 46 މިލިއަން ޑޯލަރުގެ އާމްދަނީއެއް ލިބެއެވެ.