ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޯފްގެ ދެ ވަނަ ލެގު މެޗުގައި ވެސް ރުމޭނިއާގެ ސްޓީއު ބުކަރެސްޓީ އަތުން މޮޅުވެ، އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.

މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސްޓީއު އަތުން ސިޓީ މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ. ސިޓީން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދީ 6-0 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޯފްގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ އާއި ސްޓީއު ބުކަރެސްޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވެފައިވަނީ 1-0 ލަނޑުން --- ފޮޓޯ: ގެޓީ

ރޭގެ މެޗުގައި ސިޓީގެ ސާޖިއޯ އަގުއެރޯ އާއި، ކެވިން ޑިބްރޭނާ އާއި، ޑޭވިޑް ސިލްވާ އާއި، ރަހީމް ސްޓާލިން ފަދަ މުހިންމު ކުޅުންތެރިން އެ ޓީމުން ފެނިފައި ނުވާ އިރު، ގޯލްކީޕަރު ޖޯ ހާޓް އަށް ކޯޗު ޕެޕް ގާޑިއޯލާ ވަނީ ފުރުސަތު ދީފައެވެ. މެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ސިޓީ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ސިޓީގެ ސްޕެއިން ފޯވަޑް ނޮލީޓޯ އާއި އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޯފްގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ އާއި ސްޓީއު ބުކަރެސްޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވެފައިވަނީ 1-0 ލަނޑުން --- ފޮޓޯ: ގެޓީ

މެޗުގައި ސިޓީން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ސްޕެއިން ވިންގާ ޖީސަސް ނަވާސް ނަގައިދިން ހުރަހަކުން ސިޓީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު ފަބިއަން ޑެލްފެވެ.

ޕްލޭ އޯފް ކުޅެގެން ސިޓީއާ އެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ދެން ޖާގަ ހޯދި ޓީމުތަކަކީ ޕޯޗުގަލްގެ ޕޯޓޯ، ރަޝިއާގެ ރޮސްޓޯވް، ޖަރުމަނުގެ ބޮރޫސިއާ މޮންޗެންގްލަބާޗް، ފްރާންސްގެ މޮނާކޯ، ބަލްގޭރިއާގެ ލުޑޮގޮރެޓްސް ރަޒްގްރޭޑް، ސްކޮޓްލެންޑްގެ ސެލްޓިކް، ޑެންމާކްގެ ކޯޕަންހޭގަން، ޕޮލެންޑްގެ ލެގިއާ ވާސޯ އަދި ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އެވެ.