އަށާރަ އަހަރަށްފަހު، ރޮބީ ކީން ރިޕަބްލިކް އޮފް އަޔަލެންޑްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ނިންމައިފިއެވެ.

އުމުރުން 38 އަހަރުގެ ކީން ގައުމީ ޓީމަށް ކުޅުން ހުއްޓާލާނީ މި މަހުގެ 31 ވަނަ ދުވަހު އޮމާންއާ ދެކޮޅަށް އަޔަލެންޑް ކުޅޭ އެކުވެރިކަމުގެ މެޗަށްފަހުއެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ކުޅެމުންދާ ކީން އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ 1998 ވަނަ އަހަރު ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އެއަށްފަހު އޭނާ ވަނީ ގައުމީ ޓީމަށް 145 މެޗު ކުޅެ، 67 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ގައުމީ ޓީމަށް ކީން ކުޅުން ހުއްޓާލާކަން އިއުލާން ކުރުމުގެ ގޮތުން އޭނާ ނެރުނު ބަޔާނެއްގައި ވަނީ ގައުމީ ޓީމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން ކޯޗުންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ކީން ބުނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލާގޮތަށް ނިންމި ނަމަވެސް ކްލަބު ފުޓްބޯޅަ ކެރިޔަރު އަދިވެސް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ކުރިން އިނގިރޭސިވިލާތުގެ ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު ކީން ވަނީ އަޔަލެންޑް ގައުމީ ޓިމާއެކު ތިން މުބާރާތެއްގައި ބައިވެރިވެފައެވެ. އެއީ ވޯލްޑް ކަޕް 2002، ޔޫރޯ 2012 އަދި ޔޫރޯ 2016ގައެވެ.