31 May 2011, 12:51
ިގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން މިއަދު ބޭއްވި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެމްޓީޑީސީ(ގެ އަހަރީ އާއްމު ޖަލްސާ ކެންސަލްކޮށް، ކޮންމެ އަހަރެކޭ ވެސް އެއްގޮތަށް ހާއްސަ ހުއްދަ އެއްގެ ދަށުން އަންނަ މަހުގެ 15 ވަނަ ދުވަހު އަލުން އަހަރީ ޖަލްސާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއަދު ހެނދުނު 10:00 ޖެހިއިރު ގ. ފަތުރުވެހީގައި ބާއްވަން ހަމަޖެއްސި ޖަލްސާ އަށް ހާޒިރުވީ ޖުމްލަ 29 މެންބަރުންނެވެ. ނަމަވެސް، ގަވައިދު ބުނާ ގޮތުގައި އާންމު ޖަލްސާއެއްގެ ކޯރަމް ކަމަށް ބެލެވޭނީ ކުންފުނީގެ މެންބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެގެންނެވެ. އޭގެ މާނައަކީ ކުންފުނީގެ އަހަރީ ޖަލްސާ ބޭއްވޭނީ 24،000 އަށް ވުރެ ގިނަ ހިއްސާދާރުން ތިބި އިރު ޖަލްސާ އަށް 12،000 އަށް ވުރެ ގިނަ މީހުން ހާޒިރުވެގެންނެވެ.
ނަމަވެސް، އެ އަދަދަށް މީހުން ހާޒިރު ވުމަކީ ނާދިރު ކަމަކަށްވާތީ ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ކަމަކީ ފުރަތަމަ އަހަރީ ޖަލްސާއަކަށް ގޮވާލުމަށް ފަހު އެ ޖަލްސާގައި ގާނޫނީ އަދަދު ހަމަނުވެއްޖެ ނަމަ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ ހާއްސަ ހުއްދައެއްގެ ދަށުން ޖަލްސާ ބޭއްވުމެވެ.
އެ ހުއްދައާ އެކު ޖަލްސާ ބޭއްވުމަށް މިހާރު ކަނޑައަޅާފައި ވަނީ އަންނަ ޖޫން މަހުގެ 15 ދުވަހު އެވެ.
އެމްޓީޑީސީގެ އަހަރީ ހިސާބުތަކުން ދައްކާ ގޮތުގައި، 2009 ވަނަ އަހަރު 248 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކުންފުންޏަށް މިދިޔަ އަހަރު ލިބިފައި ވަނީ 220.3 މިލިއަން ރުފިޔާ އެވެ. އެއީ 27.7 މިލިއަން ރުފިޔާގެ ނުވަތަ 34.8 ޕަސަންޓުގެ ދަށްވުމެކެވެ. އަދި ކުންފުނީގެ ސާފު ފައިދާ ވަނީ 86 މިލިއަން ރުފިޔާ އިން 56.3 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާދާރުންނަށް ފައިސާ ބަހާފައެއް ވެސް ނުވެ އެވެ.