އެއް ދުވަހެއްގައި އެއް ވަގުތެއްގައި އޮތް ދެ ފުލައިޓަކުން ދުނިޔޭގެ ދެ ދިމާލަކަށް ދަތުރުކުރަން ޓިކެޓު ނަގައިގެން ބޭންކުތަކަށް ޑޮލަރު ގަންނަން އެބަދެ އެވެ. އެއީ ދަތުރުވެރިންނަށް ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ އުސޫލު ނަހަމަ ގޮތުގައި ބޭނުން ކުރާ ބައެކެވެ. އެ ޒުވާނާއަކީ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ އެއްވެސް ވިޔަފާރިއެއް ކުރާ މީހެއް ނޫނެވެ. އެކަމަކު ގިނަ އަދަދަކަށް ޑޮލަރު ނުގަވާއިދުން އޭނާ ވިއްކަ އެވެ. އޭނާ އެ ކަންކުރާ ގޮތަކީ ރައްޓެހިންގެ އަތުން ޕާސްޕޯޓް ހޯދައިގެން "ވަގު" ޓިކެޓު ހަދައިގެން ބޭންކުތަކަށް ގޮސް ޑޮލަރު ހޯދުމެވެ. ދަތުރުވެރިންނަށް ވިއްކަން ހާއްސަ ޑޮލަރު ވަގު ޑޮކިއުމަންޓަށް ގަނެގެން އޭނާ ބޮޑު އަގުގައި ވިއްކަނީ އެވެ. ބުލެކް މާކެޓުގައި ވިއްކައިގެން ބޮޑު ނަފައެއް ހޯދަ އެވެ.

އެފަދަ ވިޔަފާރި ކުރާ މީހުން ގިނަ އެވެ. އެ މީހުންގެ ސަބަބުން ޑޮލަރަށް ބޭނުންޖެހިފައިވާ މީހުންނަށް އެ ފުރުސަތެއް ނުލިބެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބޭންކުތައް މެދުވެރިކޮށް ދަތުރުވެރިންނަށް ކޮންމެ ޓިކެޓަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު ވިއްކުމުގެ ބޭނުމަކީ ދަތުރުވެރިން ބޭނުންވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާތީ އެފުރުސަތު މިވަނީ ބައެއް ފަހަރު ނުލިބި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗް--

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ދަނީ 500 ޑޮލަރުގެ ރޭޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރާ ކޮންމެ ފަސިންޖަރަކަށް ޓިކެޓު ވިއްކަމުންނެވެ. އެކަމަކު ޓިކެޓު ވިއްކަނީ ފުރަން ވަރަށް ކައިރިވުމުންނެވެ. ހަމައެހެންމެ ޑޮލަރު ވިއްކަނީ ދުވާލަކު 500 މީހުނަށެވެ. ބޭންކު ހުޅުވާތާ ކުޑައިރުކޮޅެއްތެރޭ ނަމްބަރު ހުސްވެ އެވެ. ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު އެބަ ދަތުރުކުރެ އެވެ. އެހެން ބެންކުތަކަށް ބަލާއިރު އެ ބޭންކުތަކުން ދަތުރުވެރިންނަށް ޑޮލަރު ވިއްކަނީ ހަފްތާއަކު އެއް ދުވަހު އެވެ.

ޑޮލަރު ނެގުމުގައި މަކަރު ހަދާކަން ބޭންކުތަކަށް ވެސް ފާހަގަވެފައި!

ބޭސް ފަރުވާއަށާއި ތައުލީމަށް ރާއްޖެ އިން ބޭރަށް ދާ ފަރާތްތަކަށް އަގު ބޮޑުކޮށް ޑޮލަރު ގަންނަން ޖެހުމަކީ ބޮޑު ގޮންޖެހުމެކެވެ. ބަޔަކު ނަހަމަގޮތުގައި އުސޫލު ބޭނުންކުރާ އިރު ބޮޑެތި ބޭހަށާއި އެހެނިހެން ބޭނުންތަކަށް ދާ ފަރާތްތަކުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ވިޔަފާރި ކުރަން އަގު ބޮޑުކޮށް ޑޮލަރު ގަންނައިރު އެތަކެތި ވިއްކާއިރު އެބައި އެއް ކުރެވޭނެ އެވެ. ނަމަވެސް އޭގެ ގެއްލުން ވެސް ބޮޑީ ނިކަމެތި ރައްޔިތަށެވެ. ކޮންމެ އަކަސް އެކަންކަން ހައްލު ކުރަން މީގެ ދެ އަހަރު ވަރު ކުރިން ދަތުރުވެރިންނަށް ވިއްކަން ފަށާފައިވާ ޑޮލަރުން ބަޔަކު ނާޖާއިޒު ފައިދާ ނަގާކަން ބޭންކްތަކަށް ވަނީ އެނގިފަ އެވެ.

"ޑޮލަރު ސުކީމް ނަހަމަ ގޮތުގައި ބަޔަކު ބޭނުންކުރޭ، ޓިކެޓު ފޯޗްކޮށްގެން ނޫނީ އެކަހަލަ ގޮތް ގޮތަށް އެބަ ޑޮލަރު ގަނޭ، އަހަރެމެންނަށް އެކަންކަން ފާހަގަ ކުރެވެނީ ބައެއް ފަހަރު ކައުންޓަރުގައި ތިބޭ ކުދިންނަށް އަޅައިގެންނަނީ ތަކުރާރުކޮށް އެކަކު އަންނާތީ،" ބޭންކެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ޑޮލަރުތައް ފޭރިގަން ހާދިސާއާ ގުޅުގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ: ސަން ފޮޓޯ/ މަލާހާ އަލީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ ބޭރު މީހުން ޓިކެޓު ހިފައިގެން އައިސް ޑޮލަރު ގަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަން ހުއްޓުވާފައިވާ ކަމަށް ޝަފާއު ވިދާޅުވި އެވެ.

ބެންކްތަކުން ދަނީ އެކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުން!

ބޭންކުތަކުން މައުލޫމާތު ދޭގޮތުގައި އެމްއެމްއޭއިން އެ ބޭންކުތަކަށް ވިއްކުމަށް ޑޮލަރު ދޫކުރާ ވަރުގެ އިތުރުން އެ ބޭންކްތަކުން ވެސް މިކަމަށް ބޮޑު އަދަދެއް ކަނޑައަޅައިގެން ވިއްކަ އެވެ. ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަހަރު މިހާތަނަށް ވެސް ދަތުރުވެރިންނަށް 39 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު އޭގެ ފައިދާ ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ދަތުރުވެރިންނަށް ޑޮލަރު ވިއްކާ ސްކީމްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ ގޮތުންވެސް ފިޔަވަޅުތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ނިންމާފައެވެ. މީގެތެރޭގައި ޓިކެޓް ހިފައިގެން ޑޮލަރު ގަންނަން އަންނަ ފަރާތަކީ ދަތުރު ކުރާ ފަރާތްކަމުގައި ވާން ޖެހޭ ގޮތަށް ވަނީ ހަދާފައެވެ. އަދި އާއިލާއާއެކު ދަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބޭނުންވާ ހުރިހާ ޑޮކިއުމެންޓް ހުށަހެޅުމުން ގިނަވެގެން ފަސް ޓިކެޓަށްވާ ޑޮލަރު ދަތުރު ކުރާ ކޮންމެވެސް އެއްފަރާތެއް ބޭންކަށް އައުމުން ލިބޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް ބޭންކުގެ ކޯޕަރޭޓް އެފެއާޒު ޝަފާއު ވިދާޅުވީ އެކަން ހުއްޓުވުމަށް ފުރާމީހާ ޑޮލަރު ގަތުމަށް ބޭންކަށް އަންނަ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް ޝަފާއު ވިދާޅުވި އެވެ.

"ބޭރު މީހުންނަށް މިހާރު އަޅުގަނޑުމެން ނުދެން ޓޯކަން ނަމްބަރެއް، ފުރާމީހާއަށް ދެނީ، ބަލި މީހެއް ނޫނީ ކުޑަކުއްޖެއް ވިއްޔާ ބެލެނިވެރިއެއް،" ޝަފާއު ވިދާޅުވި އެވެ.

ބުލެކް މާކެޓުގައި އަގު ބޮޑު!

އަބަދުވެސް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޑޮލަރު ނުލިބުމެވެ. ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު ބޮޑުވެ އެވެ. އެހެނިހެން ހަރަދުރައް ބޮޑުވެ އެވެ. އެކަންކަން ހައްލު ކުރުމަށް ހަމަޖައްސާފައިވާ އުސޫލުތަކުގެ ބޭނުން ވެސް ބަޔަކު ނަހަމަ ގޮތުގައި ހިފަމުންދާއިރު މިއަދު ބުލެކް މާކެޓުގައި ޑޮލަރު ލިބެން ހުރީ 16.95 ރުފިޔާއަށާއި 17 ރުފިޔާއަށްވުރެ މަތީގަ އެވެ.

ޑޮލަރުގެ ޑިމާންޑް އިންތިހާއަށް ބޮޑުވި ސަބަބުތަކުގެ ތެރޭގައި ހައްޖު މޫސުމަށްވެގެން މީހުން ޑޮލަރު ހޯދުމާއި އީދު ބަންދަށް ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން ޑޮލަރު ހޯދުން ހިމެނެ އެވެ.

ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހަމަޖެއްސި އުސޫލުގެ ބޭނުން ވެސް މި ވަނީ ނަހަމަ ގޮތުގައި ހިފަން ފަށައިފަ އެވެ. މިކަމުގެ ސަބަބުން ހައްގުވެރިން އެ ދަނީ ބާކީވަމުންނެވެ. މިކަންކަން ހުއްޓުވުމަށް ޑޮލަރު ވިއްކާ އުސޫލު ހަރުދަނާކޮށް އޭގެ ހައްގުވެރިންނަށް ލިބޭނެ އުސޫލްތަކެއް ހަމަޖައްސަން ޖެހެ އެވެ.