އާބާދީގައި 3000 ހަމަނުވާ ރަށްރަށުގެ ކައުންސިލުތަކަށް ތިން މެމްބަރުން އައްޔަން ކުރަން ޖެހޭ ގޮތަށް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ރައްޔިތުން މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އަބްދުﷲ ޔާމީނު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 3000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެމްބަރުން ކަމަށެވެ.

ކުރިން އެ ގާނޫނުގައި ބުނެފައި ވަނީ އާބާދީގައި 3000 މީހުންނަށް ވުރެ މަދު އާބާދީއެއް އޮންނަ ރަށު ކައުންސިލުތަކަށް ފަސް މެމްބަރުން މަދުވެގެން އައްޔަން ކުރަންވާނެ ކަމަށެވެ.

މަޖިލީހުން ފާސްކޮށް ރައީސް ޔާމީނު މިއަދު ތަސްދީގު ކުރެއްވި އެ އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 10،000 މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ނުވަ މެމްބަރުން ކަމަށެވެ. ނަމަވެސް ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެމްބަރުން ކަމަށް ވެސް ސައުދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހުން އެ އިސްލާހު ފާސްކުރިއިރު ވަނީ ކުރިން އެ ގާނޫނުގައި އޮތް ހަތް ވަނަ މާއްދާގެ (ނ) އުނިކޮށްފަ އެވެ. އެ މާއްދާއަކީ 3000 އާ 10،000 ދެމެދުގެ އާބާދީއެއް ހިމެނޭ ރަށު ކައުންސިލުތަކަށް ހަތް މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި އެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް މެމްބަރުން އިންތިހާބު ކުރާއިރު ދެ އިންތިހާބީ ދާއިރާއަކަށް ވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެމްބަރެއް ކަމަށެވެ.

އެ އިސްލާހުގައި އަދި ބުނެފައި ވަނީ ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން މެމްބަރުން ކަމަށެވެ.