24 Aug 2016, 19:41
ގްލޯނެޓުން ކޮންމެ އަހަރަކު ދެ ފަހަރު ބާއްވަމުން އަންނަ ގްލޯނެޓް އެޑިއުކޭޝަން ފެއާ، 18 ކޮލެޖަކާއި އެކު ފަށައިފި އެވެ. މިއީ ގްލޯނެޓުން ބާއްވާ 19 ވަނަ ފެއާ އެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ނެޝަނަލް އާޓްސް ގެލެރީގައި ކުރިއަށްދާ އެ ފެއާ ހުޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.
ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް ޒުވާނުންނަށް ތައުލީމު އުނގެނުމުގެ އެކި ފުރުސަތުތައް ހުޅުވައިދެއްވާނެ ކަމަށެވެ. އަދި މިއަދު ހުޅުވިގެން ދިޔަ ފެއާ ފަދަ ހަރަކާތްތަކަކީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މިއަދު ފެށިގެން ދިޔަ "ގްލޯނެޓު އެޑިއުކޭޝަން ފެއާ"ގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިއަދުގެ ސަރުކާރުން ޒުވާނުންގެ ކުރިމަގަށް ޒުވާނުންގެ މުސްތަގުބަލަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. ޔޫތު ޑިވެލޮޕްމަންޓުގެ އެކި ކަންކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް އިސްކަންދެއްވާ. ހާއްސަ މަތީ ތައުލީމުގެ އެކި ފުރުސަތުތައް ޒުވާނުންނަށް ފަހި ކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރުން ރާއްޖެ ގެންދަން ބޭނުންވާ މިސްރާބަށް ގެންދެވޭނީ ޒުވާން ރަނގަޅު ޖީލެއް ބިނާކޮށްގެން ކަމަށާއި އެކަން ހާސިލު ކުރެވޭނީ ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގައި ޒުވާނުން ބޭނުން ހިފައިގެން ކަމަށެވެ.
"މިިސާލަކަށް ބަލާލަމާތޯ ސިންގަޕޫރު. ސިންގަޕޫރު ސިންގަޕޫރަކަށް ވެފައި ވަނީ އެތަނުގައި ގިނަ ވަސީލަތްތައް ހުރެގެނެއް ނޫން. އެގައުމުގައި ރަނގަޅު ޕްރޮޑަކްޓިވް ލޭބާ ކޯސްޓެއް އެބައޮތް. އެހެންވީމަ އަޅުގަނޑު ރާއްޖޭގެ ޒުވާނުންނަށް އިލްތިމާސްކުރަން ބޭނުން ވަނީ ސަރުކާރުން ޒުވާނުންނަށް ފަހިކޮށްދޭ ތައުލީމީ އެކި ފުރުސަތުތަކުގެ ބޭނުން ހިފާށޭ." މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.
މިއަދު ފެށިގެން ދިޔަ "ގްލޯނެޓު އެޑިއުކޭޝަން ފެއާ"ގެ ތެރެއިން: މިފަހަރުގެ ފެއާގައި 18 ކޮލެޖަކުން ވަނީ ބައިވެރިވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދު ފެށި ފެއާގައި އެންމެ ގިނައިން ބައިވެރިވެފައި ވަނީ މެލޭޝިއާގެ ޔުނިވާސިޓީތަކުންނެވެ. ރާއްޖޭގެ ފަރާތުން ވެސް ދެ ކޮލެޖެއް ވަނީ ބައިވެރިވެފަ އެވެ. އެއީ ސައިރެކްސް ކޮލެޖާއި ހަޔާ އެޑިއުކޭޝަނެވެ.
މި ފެއާއިން ޒުވާނުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ އެކި ދާއިރާތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.
ގްލޯނެޓުން "ގްލޯނެޓު އެޑިއުކޭޝަން ފެއާ"ގެ ނަމުގައި މިފަދަ ފެއާއެއް އެންމެ ފުރަތަމަ ބާއްވަން ފަށާގައި ވަނީ 2005ވަނަ އަހަރު އެވެ.