ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރާ ދިވެހި ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ މިއަހަރު ފެށުނު އިރު ރާއްޖޭގެ ސްކޫލުތަކުގައި ތިބި ދާއިމީ ޓީޗަރުންނަކީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ޓީޗަރުން ކަމަށެވެ. އަދި މިނިސްޓްރީގެ މިހާރުގެ އަމާޒަކީ ސްކޫލުތަކުގައި ތިބި ހުރިހާ ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ޓީޗަރުން ކަމަށް ހެދުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމުގެ ބޭނުމަކީ ސްކޫލުތަކުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ކުދިންގެ ފެންވަރު މަތި ކުރުން ކަމަށެވެ. އަދި އާ މަންހަޖު ތައާރަފް ކުރުމާ ގުޅިގެން ޕްރައިމަރީ ޓިޗަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށާއި އެ ޕްރޮގްރާމުގައި 260 ޕްރައިމަރީ ޓީޗަރުން ބައިވެރިވެފައިވާކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

3000 ޓީޗަރުން ތަމްރީން ކުރުމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިސްޓަރު ވިދާޅުވީ ޑިގްރީއަށް ތަމްރީން ކުރަން ޓީޗަރުން ނެގުމުގައި އިސްކަން ދީފައިވާނީ މުހިއްމު މާއްދާތައް ކިޔަވައިދޭނެ ފެންވަރުގެ ޓީޗަރުން ނެތް ސްކޫލުތަކަށާއި، ކިޔަވައިދޭނެ ޓީޗަރުން މަދު ސްކޫލު ތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ލިބިފައިވާ އެޕްލިކޭޝަން ތަކަށް ބަލާއިރު ބައެއް ޓީޗަރުންނަކީ ބްރިޖިން ކޯހެއް ހަދައިގެން ޑިގްރީ ހެދޭނެ ޓީޗަރުންކަމަށެވެ. "މިއަހަރު ތެރޭގަ އެ ބްރިޖިން ކޯސް އަޅުގަނޑުމެން އެމްއެންޔޫއިން ފައްޓަވައިދެއްވައިގެން އެ ޓީޗަރުން ޑިގްރީއަށް މިއަންނަ އަހަރު ވަދެވޭވަރަށް އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުން ސަބްސިޑައިޒްކޮށްގެން ހިންގާ އެ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޓީޗަރަކުވެސް ކޯސް ފީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 420 ރުފިޔާ އެވެ. އެ ޕްރޮގްރާމުގައި ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ހިންގުމަށް ހަވާލުކުރެވިފައިވާ ކޯސްތަކުގެ ތެރެއިން ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވައިދޭ އެކިމާއްދާތަކުގެ ކޯސްތަކެވެ.