24 Aug 2016, 16:26
އަންނަ މަހު ބްރެޒިލްގައި ފެށުމަށް ހަމަޖެހިފައިވާ ހާއްސަ އެހީއަށް ބޭނުންވާ ޕެރަލިމްޕިކްސްއިން ރަޝިޔާ ސަސްޕެންޑް ކުރުމަކީ އަމިއްލަ އެދުމުން ފޯވެފައިވާ އަމަލެއް ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޑިމްޓްރީ މެޑްވަޑޭވް ވިދާޅުވެއްޖެއެވެ.
އަންނަ މަހު ހަތަކުން 18 އަށް ބްރެޒިލްގެ ރިއޯ ޑި ޖެނީރޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެރަލިމްޕިކްސް އިން ރަޝިޔާ ސަސަޕެންޑް ކުރަން އިންޓަނޭޝަނަލް ޕެރަލިމްޕިކްސް (އައިޕީސީ) އިން ނިންމީ ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) ގައި ރަޝިޔާ އިން އެ މައްސަލަ އެޕީލް ކޮށް ނާކާމިޔާބު ވުމުންނެވެ.
"ޕެރަލިމްޕިކްސް ކޮމެޓީގައި ތިބޭ ވަކިވަކި ފަރާތްތަކުން ބޭނުން ވެގެން ނިންމި ވަރަށް ނާތަހުޒީބު ނިންމުމެއް އެއީ. އެ ނިންމުމަކީ ވާދަވެރި ފަރާތްތަކެއް ނެތިކޮށްލަން އަމިއްލަ އެދުމަށް ކުރި ކަމެއް،" މެޑްވަޑޭވް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ހަމައެކަނި ގެއްލުން ލިބޭނީ ރަޝިޔާ އަށް ނޫން ކަމަށާއި އެއީ ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ފަރާތް ތަކަށް ދިން ވަރަށް ނުބައި މެސެޖެއް ކަމަށެވެ.
މެޑްވަޑޭވް އެހެން ބުނި ނަމަވެސް އިންޓަނޭޝަންލަ ޑޮޕިން އެޖެންސީ އިން ވަނީ ރަޝީޔާގެ ކުޅިވަރު އެސޯސިއޭޝަން ތަކާއި ސަރުކާރުގެ އިސްފަރާތް ތަކުގެ އިތުރުން އެތުލީޓުން ގުޅިގެން މަނާ ބޭސް ބޭނުން ކޮށްފައިވާ ކަމަށް ބުނެފައެވެ.
އެކަމުގެ އަދަބެއްގެ ގޮތުން ދާދި ފަހުން ނިމުނު އޮލިމްޕިކްސް އިން ވެސް ރަޝިޔާ ސަސްޕެންޑް ކުރަން ނިންމި ނަމަވެސް ފަހުން ވަނީ އެ ނިންމުން ބާތިލް ކޮށް މަނާ ބޭހަށް ޕޮޒިޓިވްވި ފަރާތްތައް އެކަނި ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.