ނީސް (އޮގަސްޓް 24): މުސްލިމް ސުވިމްއެއާ ނުވަތަ ބާކިނީ ލައިގެން މޫދަށް ދިޔުން ފްރާންސުގެ ބައެއް ސިޓީތަކުން ވަނީ މަނާކޮށް އެ ގަވާއިދަށް އަމަލު ނުކޮށްފި ނަމަ އަދަބު ދޭން ފަށާފަ އެވެ. ނަމަވެސް، އެގަވާއިދު ތައާރަފު ކުރި ފަހުން ބާކިނީ ގަންނަ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މިއަދު ހެނދުނު ފްރާންސުގެ ނީސްގެ ގޮނޑުދޮށުގައި ބާކިނީ ލައިގެން އުޅުނު އަންހެނަކަށް އެގައުމުގެ ފުލުހުން ވަނީ އޭތި ނުބާލައިފި ނަމަ ޕެޕާ ސްޕްރޭ ޖަހާނެ ކަމުގެ އިންޒާރުދީ، އޭނާ ލައިގެން ހުރި ސުވިމްސުއިޓް ބާލުވާފަ އެވެ. އަދި މީގެ ކުރިން ފުލުހުން ވަނީ ބުރުގާ އަޅައިގެން މޫދަށް ދިޔަ އަންހެނަކު ޖޫރިމަނާ ކުރުމަށް ފަހު ގޮނޑުދޮށުން ފޮނުވާލާފަ އެވެ.

ނަމަވެސް، ބާކިނީ ވުޖޫދަށް ގެނައި، އަހީދާ ޒަނީތީ ބުނާ ގޮތުގައި ބާކިނީ މަނާ ކުރުމުން އޭތި ގަންނަ މީހުންގެ އަދަދު ވަނީ 200 ޕަސެންޓް އިތުރުވެފަ އެވެ. އަދި އެސުވިމްސޫޓަކީ އަންހެންހުންގެ މިނިވަން ކަމާއި ރަނގަޅު ދިރިއުޅުމެއް އުޅޭ ކަމުގެ ނަމޫނާއެއް ކަމަށް އޭނާ ބުންޏެވެ. (ބީބީސީ)