ސަރުކާރުން ފައިސާދީގެން ކުރާ ކަމެއް ކަމަށްވާ ރަށް ކުނިކެހުމުގެ މަސައްކަތަށް ދ. ވާނީ ރަށު ކައުންސިލްގެ ނައިބު ރައީސާއި އިތުރު ދެ މެމްބަރަކު ނަން ނޯޓްކުރައްވާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ވާނީ ރަށު ކައުންސިލްގެ ރައީސް ޒަކަރިއްޔާ މުފީދު މިއަދު ވިދާޅުވީ އެކަމަށް ނަން ނޯޓް ކުރައްވާފައި ވަނީ ރަށު ކައުންސިލްގެ ނައިބު ރައީސް ހަރިއްޔާ އާދަމާއި ކައުންސިލްގެ މެމްބަރު މުހައްމަދު ހުސައިން އަދި ކައުންސިލްގެ މެމްބަރު އިސްމާއީލް ޔޫސުފެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުނި ކެހުމުގެ މަސައްކަތަށް 28 މީހުން ހޮވާއިރު އެމީހުންނަށް ކޮންމެ މަހަކު އުޖޫރަ ކަނޑައަޅަނީ 15،000ރ. ގެ ބަޖެޓުންކެވެ. އެގޮތަށް ބަލާއިރު ބޮކަލަށް ޖެހެނީ 535.71ރ. އެވެ.

"ރަށް ކުނިކެހުމަށް މަހަކަށް މިލިބެނީ 15000.ރ ، ދެން އެ ފައިސާ ރަށުގެ އާއްމުންނަށް ލިބުން އަޅުގަނޑު އެދޭ ގޮތަކީ. އެހެންވީމާ ރަށު ކައުންސިލްގެ މެމްބަރުން ފަދަ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކަމުގެ ތެރެއަށް ވެދެވަޑައިގަތުމަކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން" ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ ރަށު ކައުންސިލްގެ ނައިބު ރައީސާއި އިތުރު ދެ މެމްބަރުން ކުނިކެހުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ ތެރެއިން ބައެއް މީހުން ނުރުހެ އެވެ. އެއީ އެ ބޭފުޅުންނަކީ އެކަށީގެންވާ އާމްދަނީއެއް ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވާ އިރު އާއްމު ރައްޔިތުންނަށް އާމްދަނީއެއް ލިބޭ ކަމެއްގެ ތެރެއަށް އެ ބޭފުޅުން ވެދެވަޑައިގަތުމަކީ ރަނގަޅު ކަމެއް ކަމަށް އެ ރައްޔިތުން ނުދެކޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދ. ވާނީން ވާހަކަ ދެއްކި މީހަކު ބުނީ ރަށް ކުނިކެހުމުގެ މަސައްކަތަށް ލިބޭ ފައިސާ އިން ބައެއް ހޯދުމަށް ރަށު ކައުންސިލްގެ މެމްބަރުން އެކަމުގެ ތެރެއަށް ވެންނެވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

"އެކަމުން ދޭހަވަނީ އެބޭފުޅުން ރައްޔިތުންގެ ލާބަޔަށް އެދިވަޑައިނުގަންނަވާކަން. އެބޭފުޅުން އެ ބޭނުންވެވަޑައިގަންނަ ވަނީ އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ފައިސާ އިތުރު ކުރައްވަން. މިއީ ވަރަށް ހުތުރު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ވާނީން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ވާނީން ވާހަކަ ދެއްކި މީހާ ބުނީ އެ ރަށުގެ ގިނަ ބަޔަކު މިހާރު ވެސް ދ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޑަހުވަދުއަށް ހިޖުރަކޮށްފައިވާ ކަމަށެވެ. އެހެންވެ ރަށުގައި މިހާރު ސްކޫލެއް ވެސް ނުހިނގާ ކަމަށާއި ރަށް ދަނީ ފަޅުވަމުން ކަމަށެވެ. އަދި ބާކީ ތިބި އާއިލާތައް ވެސް ކުޑަހުވަދުއަށް ބަދަލުވުމަށް އެދެމުންދާތާ އެތައް ދުވަހެއް ވެފައިވާ އިރު އެކަމަށް ވެސް ރަށު ކައުންސިލުން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"ރަށުގައި މިހާރު މިތިބީ ކުޑަކުދިންނާ ވެސް އެކު ގާތްގަނޑަކަށް 70 މީހުން. އެކަމަކު ރަށު ކުޑަހުވަދުއަށް ބަދަލުވުމަށް ރަށު ކައުންސިލުން މަސައްކަތް ނުކުރަނީ އެބޭފުޅުންގެ މަގާމް ގެއްލިދާނެތީ،" ކުޑަހުވަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނަމަވެސް ވާނީ ރަށު ކައުންސިލްގެ ރައީސް ޒަކަރިއްޔާ މުފީދު ވިދާޅުވީ ވާނީގެ 200 މީހުންގެ އާބާދީގެ ތެރެއިން އަދިވެސް 100 ވަރަކަށް މީހުން ދިރިއުޅެނީ ވާނީގައި ކަމަށެވެ.

"ރަށުގެ އާއްމު ހާލަތު އެހާ ރަނގަޅެއް ނޫން، އެކަމަކު އެހާ ގޯހެއްވެސް ނޫން. މިހާރު ތިބި އާއިލާތައް ކުޑަހުވަދުއަށް ބަދަލުކުރުމަށް ޓަކައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން." ޒަކަރިއްޔާ ވިދާޅު ވިއެވެ. އޭނާ ވިދާޅުވީ އެކަމަށްޓަކައި ކުޑަހުވަދޫން ހޯދަން ޖެހޭ ބިން ހޯދުމަށް ކުޑަހުވަދޫ ރަށު ކައުންސިލާ މަޝްވަރާކޮށްފައި ވާނެ ކަމަށާއި މަސައްކަތް ފެށޭނީ އެކަމާ މެދު އެ ކައުންސިލުން ގޮތެއް ނިންމުމުން ކަމަށެވެ. ނަމަވެސް ވާނީން ވާހަކަ ދެއްކި މީހާ ބުނީ ވާނީ މީހުން ކުޑަހުވަދުއަށް ބަދަލުކުރުމާ މެދު މަޝްވަރާ ކުރުމަށް އަތޮޅު ކައުންސިލާއި ކުޑަހުވަދޫ ރަށު ކައުންސިލް ގުޅިގެން ބޭއްވި ބައްދަލުވުމަކަށް ވެސް ވާނީ ކައުންސިލަރުން ވަނީ ހާޒިރު ވެވަޑައިނުގެންފައި ކަމަށެވެ.

"އަޅުގަނޑުމެން ކުޑަހުވަދުއަށް ބަދަލުކޮށްދެއްވާތޯ ރައީސުލްޖުމްހޫރިއްޔާ އަރިހު ވެސް ދެންނެވި. ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާން މިރަށަށް ވަޑައިގަތް، އެދުވަހު އަޅުގަނޑުމެން އެވާހަކަ ދެންނެވީމާ ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓުން ހޮވީމައޭ ތިކަން ކުރަން ފަސޭހަވާނީ." ވާނީން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ އެހެން ނަމަވެސް ވާނީ ރައްޔިތުން ރަށު ކައުންސިލަށް ހޮވާފައި ވަނީ މުޅިން ވެސް އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުން ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ އިދިކޮޅު ޑީއާރުޕީއަށް ތާއީދުކުރައްވާ ބޭފުޅުން ކަމަށް ވެސް އޭނާ ބުންޏެވެ.