24 Aug 2016, 17:25
މިނިވަނަ ޗެމްޕިއަންޝިޕްގެ ދ. އަތޮޅުގެ ފައިނަލްގެ ފުރަތަމަ ޖާގަ މީދޫ އިން ކަށަވަރު ކޮށްފައިވާއިރު ދެވަނަ ޖާގަ ހޯދުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ކުޑަހުވަދޫ އަށެވެ.
އެ ގްރޫޕްގައި މީދޫ ކުޅުނު ދެ މެޗު ވެސް ކާމިޔާބް ކޮށް ހަ ޕޮއިންޓާ އެކު އެއްވަނާގައި އޮތް އިރު މާދަމާ އަމިއްލަ ރަށުގައި ކުޑަހުވަދޫ ޓީމުން މީދޫ ޓީމާ ދެކޮޅަށް ނިކުންނަ މެޗު އެއްވަރު ކޮށްލައިގެން ކުޑަހުވަދުއަށް ފައިނަލްގެ ޖާގަ ކަށަވަރު ވާނެއެވެ. ކުޑަހުވަދޫ ގްރޫޕްގެ ދެވަނާގައި އޮތީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އެއް މެޗުން އެއްވަރުވެ ލިބުނު ހަތަރު ޕޮއިންޓާ އެކުއެވެ.
އެ ގްރޫޕްގެ ފަހު މެޗުގައި ހުކުރު ދުވަހު ރިނބިދުއާ ހުޅުދެލި ނިކުންނައިރު، ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮތީ ހުޅުދެއްޔެވެ. ރިނބުދޫ އޮތީ ކުޅުނު އެއް މެޗުން ބަލިވެ އަނެއް މެޗު އެއްވަރު ވެގެން ލިބުނު އެއް ޕޮއިންޓާ އެކު ގްރޫޕްގެ ތިން ވަނައިގައެވެ. ރިނބިދުއަށް ފައިނަލަށް ދިއުމުގެ ފުރުސަތެއް ލިބޭނީ މާދަމާގެ މެޗުން ކުޑަހުވަދޫ ބަލިވެގެން އެކަންޏެވެ.
އެ ދެ މެޗަށް ފަހު ފައިނަލަށްދާ ފަހު ޓީމު ކަށަވަރު ވާނެއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި ދ. އަތޮޅުގެ ޗެމްޕިއަނުން ވާދަކުރަން ޖެހޭނީ ދެވަނަ ބުރުގެ ޒޯން ފަހެއްގައި ވ. ފުލިދޫ އާއެވެ. އެ ދެ ޓީމްގެ އިތުރުން ޒޯން ފަހަކަށް ދެން ދަތުރު ކުރާނީ މ. އަތޮޅުގެ ޗެމްޕިއަނުންނެވެ.