އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ތަރި އެންޓޮއިން ގްރީޒްމަން ގަބޫކުލުކުރާ ގޮތުގައި މިފަހަރު ޔުއެފާއިން ހޮވާ ވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތު ބޭލަށް ވުރެ އޭނާއަށް ލިބުން ހައްގެވެ. 2015-16 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ގްރީޒްމަން ވަނީ ހަގީގަތުގައިވެސް ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދައިފައެވެ.

މިދިޔަ ސީޒަންގައި ގްރީޒްމަން ވަނީ، ހަތް ލަނޑު ކާމިޔާބުކޮށް، 13 މެޗު ކުޅެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެތުލެޓިކޯ ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އުމުރުން 25 އަހަރުގެ ފްރާންސް ފޯވާޑް ވަނީ، ޔޫރޯ 2016ގައި ޖުމުލަ ހަ ލަނޑު ކާމިޔާބުކޮށް، މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓު ހޯދައި، އަމިއްލަ ފަސްގަނޑުގައި ކުޅުނު އެ މުބާރާތުގެ ފައިނަލަށް ފްރާންސް ގެންގޮސްދީފައެވެ.

ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގަބޫލުކުރުާ ގޮތުގައި މިފަހަރު ޔޫރަޕުގެ ބެސްޓް ޕްލެއަރ އެވޯޑް އޭނާއަށް ހައްގު -- ފޮޓޯ: ސޮކަޓްރައިބް

ގްރީޒްމަން ގަބޫލުކުރާ ގޮތުގައި އޭނާ، ގޯލްކުރިމަތީގައި ދައްކާފައިވާ މޮޅު ހުނަރާއި ހިތްވަރުގެ ސަބަބުން ހަމަ ހަގީގަތުގައިވެސް މިފަހަރު އޭނާއަށް ވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގެވެ.

"އަހަރެން ފަޚުރުވެރިވަން ފައިނަލިސްޓުންގެ ތެރޭގައި ހިމެނުނީތީ، އޭގެ މާނައަކީ އަހަރެން ކުރިއަށް މިދަނީ ރަނގަޅު ޓްރެކްގައޭ،" ކްރޮއޭޝިއާގެ 24ސާޓާއަށް ގްރީޒްމަން ބުންޏެވެ.

"އަހަރެން އަމިއްލައަށް ދެއްކެނީކީ ނޫން، އެކަމަކު އަހަންނަށް މި އެވޯޑް ހައްގުކަމަށް ގަބޫލުކުރަނީ، ކްލަބަށާއި ގައުމީ ޓީމާއެކު ރަނގަޅު ސީޒަނެއް ހޭދަކުރެވިފައިވާތީ."

ގްރީޒްމަން ބުނީ، މިދިޔަ ސީޒަނަކީ އޭނާގެ ހަނދާނުން ފޮހެވިގެން ނުދާނެ ސީޒަނެއް ކަމަށެވެ. އެގޮތުން، ޗެމްޕިއަންސް ލީގުގެ ފައިނަލާއި، ޔޫރޯ ފައިނަލް އޭނާ ފާހަގަކުރިއެވެ.

ވިލާތުގެ މޮޅު ކުޅުންތެރިޔާ ހޮވުން އޮންނާނީ، ބުރާސްފަތި ދުވަހުގެ ރޭ، މޮނާކޯގައި ބާއްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރު ނެގުމުގެ ހަފްލާގައެވެ. އެ އެވޯޑަށް ނޮމިނޭޓްވެފައި ވަނީ، ގްރީޒްމަން އާއި ރޮނާލްޑޯގެ އިތުރުން ގެރެތު ބޭލްއެވެ.

އެވޯޑް ލިބޭނޭކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ، ރޮނާލްޑޯއަށެވެ. އޭނާ ވަނީ، ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގެ އިތުރުން، އޭނާގެ ގައުމު ކަމަށްވާ ޕޯޗްގަލްއަށް މިފަހަރުގެ ޔޫރޯ ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.