24 Aug 2016, 15:05
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އިތުރުކޮށް ސަޕޯޓަރުންގެ ހަރަކާތްތައް އިތުރު ކުރުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކެއް ރާވަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ ދިވިހެ ފުޓްބޯޅަ ފޯރި ގަދަކޮށް ތަރައްގީ ކުރުމަށް ރާވަންޖެހޭ ރޭވުން ތައް ރޭވުމަށާއި ލަފާދޭ ފަރާތްތައް އައްޔަނު ކުރުމުގެ މަސަތްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"އުންމީދު ކުރަނީ އަންނަ ސެޕެޓެމްބަރު މަހުގެ ތެރޭ ދިވެހި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ސްޓްރެޓިޖިކް ޕްލޭންގެ ކޮންސަލްޓެންޓާ އެކު މަސަތްކަތް ފަށައިގަނެވޭނެ ކަމަށް،" ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ އެމަސަތްކަތްތަކުގެ ފެށުމެއްގެ ގޮތުން އަންނަ ހޯމަ ދުވަހުގެ ރޭ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމް ކުޅޭ މެޗުގައި ގައުމީ ފުޓްބޯޅަ ދަނޑުން ގިނަ ފަރާތް ތަކެއް ފެނިގެން ދާނެ ކަމަށާއި އޭގެ ފަހުން އަންނަ މަހު އެއް ވަނަ ދުވަހު ތަޖުރިބާކާރު ޕްރޮފެސަރު ޖެންސް ބެންގްސްބޯ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ބެންގްސްބޯ އަކީ ދުނިޔޭގެ ގިނަ ސްޓާ ޕްލޭއަރުންނާއި އެކު ވަރަށް ގިނަ ދިރާސާތަކެއް ހަދާފައި ހުރި ޕްރޮފެސަރެއް. އޭނަ ވެސް ބަނގުލަދޭސް އާއި ލާއޯސް މެޗުގެ ޓެކްނިކަލް އެނަލަސިސް ހަދާނެ،" ޓޮމް ވިދާޅުވިއެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހުގެ ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދިވިހެ ކުޅުންތެރިންގެ ފިޒިކަލް އާއި ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ލެވަލް އާއި ފުޓްބޯޅަ ކުރިއެރުވުމަށް ބޭނުންވާނެ ހިޔާލުތައް ބެންގްސްބޯ ދޭނެ ކަމަށް ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ފުޓްބޯޅަ މާކެޓް ކުރުމާއި ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމަކީ ތަފާތު ދެކަމެއް ކަމަށާއި ބެންގްސްބޯ އަކީ ފުޓްބޯޅަ އިތުރައް ތަރައްގީ ކުރުމަށް ވަރަށް ގިނަ ދިރާސާތަކެއް ކޮށްފައިވާ ޕްރޮފެސަރެއް ކަމަށާއި އޭނާގެ އެކްސްޕަޓީސް ނޮލެޖް ލިބެއްޖެ ކަމުގައިވާނަމަ އޭގެ ބޭނުން ވަރަށް ރަނގަޅަށް ރާއްޖެއަށް ހިފޭނެ ކަމަށެވެ.