މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކ. ކާށިދޫ، ރަންފަރު، އުމުރުން 14 އަހަރުގެ އަހުމަދު އިރުޝާން ހިލްމީ މަރާލި ކަމުގެ ތުހުމަތުގައި ތިން ކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެ ތިން ކުދިންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އެ ކޯޓަށް ހުށަހެޅީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ދައުލަތުން އެ ތިން ކުދިންގެ މައްޗަށް ކުރި ދައުވާގައި ވަނީ މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 5:30 އެހައިކަންހާއިރު، އެ ތިން ކުދިން އިތުރު ބަޔަކާ އެކު މ. މަދަންގެއާ ދިމާލަށްވާގޮތަށް މަޖީދީމަގުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ތިބި ކުދިންތަކަކާ މާރާމާރީ ހިންގަމުން ދަނިކޮށް، އޭގެތެރެއިން އެއްކުއްޖަކު އިރުޝާންގެ ކަނާތް ފަރާތު ކަރަށް ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.

ދައުވާ ލިބޭ ތިން ކުދިންގެ އުމުރަކީ 14 އަހަރާއި 15 އަހަރާއި 17 އަހަރެވެ.