މެނީލާ(އޮގަސްޓް 24): މިހާތަނަށް ފެނުނު އެންމެ ބޮޑު އިތާމުތް ކަމަށް ބެލެވޭ، 34 ކިލޯގެ މުތެއް ފިލިޕީންސުން ހޯދައިފިއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ފިލިޕީންސުގެ ޕަލަވަން އައިލެންޑުގެ މަސްވެރިއަކަށް އެމުތް ފެނިފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ. ނަމަވެސް އެއީ އެހާ އަގުހުރި އެއްޗެއްކަން އޭނާއަށް ނޭނގޭތީ، 'ނަސީބު ގެނެސްދޭނެ އެއްޗެއް'ގެ ގޮތުގައި އެނދު ދަށުގައި ރައްކާ ކޮށްފައި ބޭއްވީއެވެ.

އަދި އެމުތް އޭނާގެ ބޮޑުދައިތައާ ހަވާލު ކުރަން ނިންމީ އެހެން ޕްރޮވިންސަކަށް އޭނާ ބަދަލުވާން އުޅޭތީ ކަމަށް އޭނާގެ ބޮޑުދައިތަ، އައިލީން ސިންތިއާ ބުންޏެވެ. ޓޫރިޒަމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ އައިލީން ވަނީ އޭގެ ފަހުން، މުތް ހޯދި މީހާގެ ހުއްދައާ އެކު، އެރަށަށްދާ ފަތުރުވެރިންނަށް އެ މުތް ދައްކާލުމަށް އެރަށުގެ މޭޔަރާ ހަވާލު ކޮށްފައެވެ.

މީގެ އިތުރުން ސިންތިއާ ވަނީ އެމުތަކީ މިހާތަނަށް ފެނުނު އެންމެ ބޮޑު މުތްކަން ޔަގީންކޮށް ދިނުމަށް ކަމާ ބެހޭ މާހިރުންގެ ފަރާތުން އެދިފައެވެ. ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް ލަފާކޮށްފައިވާ ގޮތުގައި އޭގެ އަގު 130 މިލިއަން ޑޮލަރަށް އަރާނެއެވެ. (ބީބީސީ)