ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއުގެ މަސައްކަތަށް އާކިޓެކްޓެއް ހޯދުމަށް ހައުސިން މިނިސްޓްރީން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިސްކިތުގެ މަޝްރޫއަށް އެ މިނިސްޓްރީގައި ގާއިމް ކުރާ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް (ޕީއެމްޔޫ) އަށް އާކިޓެކްޓެއްގެ މަގާމަށް މީހަކު ބޭނުންވާތީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަޙެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ މިނިސްޓްރީން މީގެ ކުރިންވެސް ވަނީ އާކިޓެކްޓެއްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފައެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިއުލާން ވަނީ ބާތިލްކޮށްފައެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަގެ އެ މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 3000 އެމެރިކާ ޑޮލަރާ އެއްވަރުގެ އުޖޫރައެއް ދިވެހި ރުފިޔާއިން ދޭނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެ މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އެދެއެވެ.

އާކިޓެކްޓުގެ މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) އަދި ސީވީ ފޯމެޓް މިނިސްޓްރީގެ ވެބްސައިޓްwww.housing.gov.mvގައި ޝާއިއު ކުރެވިފައިވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

"ކިންގް ސަލްމާން" މިސްކިތަކީ ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ރާއްޖެއަށް ދެއްވާ ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގައި އިމާރާތް ކުރާ އެންމެ ބޮޑު މިސްކިތެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ހަ ބުރިއަށް އިމާރާތްކުރާ އެ މިސްކިތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެއެވެ.