ވޮޝިންޓަން (އޮގަސްޓް 24): ދިހަ ނޫހެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު، ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ދެއްވައިފި އެވެ.

މެލާނިއާގެ ވަކީލަކު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްއަށާއި އެހެން ބައެއް ނޫސް އޭޖެންސީތަކަށް އޭނާ އެއިންޒާރު ދެއްވާފައި ވަނީ "1990ގެ އަހަރުތަކުގައި މެލާނިއާ ހަށި ވިއްކި ކަމަށް ބުނެ އޭނާގެ އަބުރު ކަތިލެވޭ ގޮތަށް ފަތުރާފައިވާ ދޮގު ވާހަކަތަކުގެ" ސަބަބުންނެވެ.

ޑެއިލީ މެއިލްގައި މީގެ ތިން ދުވަސް ކުރިން ލިޔެފައިވާ ހަބަރެއްގައިވާ ގޮތުން މީގެ ކުރިން މެލާނިއާ މަސައްކަތް ކުރެއްވި ނިއު ޔޯކުގެ އެއް މޮޑެލިން އޭޖެންސީއަކީ "މުއްސަނދި މީހުންނަށް ހަށިވިއްކާ" އޭޖެންސީއެކެވެ. މެލާނިއާގެ އުފަން ރަށް ސުލޮވީނިއާގެ މެގަޒިންއަކަށް ހަވާލާދީ ޑެއިލީ މެއިލްގައި ލިޔެފައިވާ ހަބަރު އެހެން ބައެއް ނޫސްތަކުން ވަނީ ފަތުރާފަ އެވެ.

ޑެއިލީ މެއިލްގެ އިތުރުން އަބުރުގެ ދައުވާ ކުރާނެ ކަމުގެ ނޯޓިސް މެލާނިއާ ދެއްވާފައިވާ ނޫސް އޭޖެންސީތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ދި ވީކް، ޕޮލޮޓިކޯ، އިންކުއިސްޓާ، ޓާޕްލޭ، ބިފޯ އިޓްސް ނިއުސް، ލިބެރަލް އެމެރިކާ، ލޯނިއުސް، ވިނިން ޑިމޮކްރަޓްސް އަދި ބައިޕާޓިސަން ރިޕޯޓު ހިމެނެ އެވެ.

މެލާނިއާގެ ނޯޓިސްއާ ގުޅިގެން އިންކުއިސްޓާ، ބައިޕާޓިސަން ރިޕޯޓު އަދި ލިބެރަލް އެމެރިކާ އިން ހަބަރު ނަގާފައިވާ އިރު އިނގިރޭސިވިލާތުގެ ދެނޫސް ކަމަށްވާ ޑެއިލީ މެއިލް އާއި ދި ވީކް އަދި މާފަށް އެދިފައި ނުވެ އެވެ. (ސީއެންއެން)