ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމާ ދެމެދު މިމަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭސް ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެ މެޗާ ގުޅޭގޮތުން އެފްއޭއެމްގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި މީޑިއާތަކަށް މައުލޫމާތު ހިއްސާކުރައްވަމުން އެފްއޭއެމްގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް) ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އިތުރުކުރުމަށް އެފްއޭއެމުން ފަށާފައިވާ މަސައްކަތުގެ ތެރޭން، މިމަހު 29ގައި ގައުމީ ޓީމު ކުޅޭ އެގްޒިބިޝަން މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ޒަވީ ބައިވެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓޮމް ވިދާޅުވީ، ޒަވީ މިހާރުވެސް އުޅެނީ، އޭނާ މިހާރު ކުޅެމުންދާ ގަތަރުގެ އަލް ސާދު ޓީމުގެ ފަރިތަކުރުން ތަކުގައި ކަމަށް ވާތީ، އޭނާއަށް ރާއްޖޭގައި ކުޅުމުގެ ހުއްދަ ލިބިފައި ނުވާކަމަށެވެ.

"އެފްއޭއެމް އިން ވަރަށް ގިނަ ޕްރޮގްރާމް ތަކެއް މިއަންނަނީ ރާވަމުން. ފުޓްބޯޅައިގެ ފޯރި އިތުރު ކުރުމަށާއި އަދި ދިވެހި ފުޓްބޯޅަ ތަރައްގީ ކުރުމަށް ރާވަން ޖެހޭ ރޭވުންތަކާއި ޕްލޭންތައް ހެދުމަށް އައްޔަނު ކުރަންޖެހޭ ކޮންސަލްޓެންޓުން މިއަންނަނީ އައްޔަނު ވެސް ކުރަމުން،" ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމްގެ ހުރިހާ ކުޅުންތެރިންނަށް ވެސް އެފްއޭއެމުން ދައުވަތު ދީފައިވާ ކަމަށާއި އުންމީދު ކުރަނީ ހުރިހާ ކުޅުންތެރިންވެސް އެ މެޗުގައި ފެނިގެން ދާނެ ކަމެށެވެ.

ރާއްޖެއިން ފުޓްބޯޅައިގައި ހޯދި ފުރަތަމަ ރަން މެޑަލްކަމަށްވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީ، އިތުރަށް ފާހަގަކުރުމަށް ކުޅޭ އެމެޗުގައި ކުރީގެ ގައުމީ ޓީމްގެ ކޯޗަކަށް ވެސް ހުންނާނީ މީގެ އަށް އަހަރު ކުރިން އެ މުބާރާތުގައި ގައުމީ ޓީމަށް ކޯޗުކޮށްދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެވެ.

ޒަވީގެ އިތުރުން އެފްއޭއެމް އިން ވަނީ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ ވެސް އެ މެޗަށް ގެނައުމަށް ނިންމާފައެވެ.

އުމުރުން މިހާރު 36 އަހަރުގެ ޒަވީ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އާއި 2012 ވަނަ އަހަރު ސްޕެއިން ޓީމުން ޔޫރޯ ކާމިޔާބު ކުރިއިރު އެ ޓީމްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 505 މެޗު ކުޅެދީ އެ ކްލަބްއާ އެކު ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބްކޮށްފައެވެ.