24 Aug 2016, 11:54
އިނގިރޭސި ލީގު ކަޕްގައި ބާޓަން އެލްބިއަންއާ ވާދަކޮށް 5-0 ލަނޑުން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ސާޑިއޯ މާނޭގެ ފަރާތުން ފެނުނީ، ކުރިންވެސް އުންމީދު ކުރި ފެންވަރުގެ މޮޅު ކުޅުމެއް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
މިދިޔަ ޖޫން މަހު 30 މިލިއަން ޕައުންޑުގެ އަގަކަށް ސައުތުހޭމްޓަނުން ލިވަޕޫލާ ގުޅުނު ސެނެގާލް ފޯވާޑް ވަނީ، ބާޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ޖެހުމުގައި އެހީތެރިވެދީ، މުހިއްމު ފަސް ޕާހެއް ދީ، މުޅި މެޗުގައި ވެސް ވަރުބަލިކަމެއް ނެތި ކުޅެފަ އެވެ.

ބާޓަންގެ ޕިރެލީ ސްޓޭޑިއަމްގައި ކުޅުނު ލީގުކަޕްގެ ދެވަނަ ބުރުގެ ކުރިމަތިލުމުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޑީވޮކް އޮރިޖީ ކާމިޔާބުކޮށްދިން އިރު، މާނޭ ވަނީ އެ ފުރުސަތު ތަނަވަސްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޮރިޖީގެ ލަނޑުން ލިވަޕޫލް ލީޑު ނެގުމުގެ ކުރީންވެސް މާނޭ ވަނީ، ލަނޑު ޖަހާނޭ ރަނގަޅު ދެފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. އަދި އޭގެ އިތުރުން މެޗުގެ ފަހު ހާފުގައި ޑެނީލް ސްޓްރިޖް ކާމިޔާބުކުރި ދެލަނޑު ޖެހުމުގައިވެސް މާނޭގެ ބައިވެރިވުން ފާހަގަކޮށްލެވެ އެވެ.

ލިވަޕޫލްގެ ސެނެގާލް ފޯވާޑް ސާޑިއޯ މާނޭ (ކ-2)، އެކްލަބުގެ ކުޅުންތެރީންނާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ގޯލް
މާނޭގެ ބައިވެރިވުމާ އެކު ލިވަޕޫލްގެ އެޓޭކިން ޑިޕާޓްމަންޓް ފެނިގެން ދިޔައީ ހީނުކުރާވަރަށް ވަރުގަދަކޮށެވެ. ކޯޗް ކްލޮޕް ބުނީ، ލިވަޕޫލުން މިހާތަނަށް ތިންވަނައަށް އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިޔާގެ ގޮތުގައި މާނޭ އެ ކްލަބަށް ގެނައީ އެ ސަބަބާހުރެ ކަމަށެވެ.
"އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް އެއީ. އެކަމަކު އެންމެ ދެ މެޗަށް ފަހު އޭނައާ ބެހޭ ގޮތުން އެހާ ގިނަ ވާހަކަތަކެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން،" މާނޭއާ ގުޅޭ ގޮތުން ކްލޮޕް ބުންޏެވެ.
"އަހަރެމެންނަށް އެނގޭ އޭނާގެ ފެންވަރު، އަދި އަހަރެމެންގެ ކުޅުމުގެ ސްޓައިލަށް އޭނާ ފިޓްކުރާނޭ ގޮތް. އެހެންވެ އަހަރެމެން އޭނާ ގެނައީ."
މާނޭ ވަނީ، އާސެނަލް އަތުން 3-4 ލަނޑުން އާސެނަލް މޮޅުވި މެޗުގައި ލަނޑު ޖަހައިފަ އެވެ. އެހެން ނަމަވެސް ކޮނޑު ހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން ދާތީ، ބާންލީ އަތުން 2-0 ލަނޑުން ލިވަޕޫލް ބަލިވި މެޗުގައި މާނޭ ނުކުޅެ އެވެ.
ބާންލީއާ ދެކޮޅަށް ކުޅެ ލިވަޕޫލް ބަލިވި މެޗުގައި މާނޭ ނެތްތަން އެ ކްލަބުން ފާހަގަވެގެން ދިޔައިރު، އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ލިވަޕޫލް ކުޅޭ ލީގު މެޗުގައި މާނޭގެ ދައުރު ލިވަޕޫލަށް ވަރަށް މުހިއްމު ވާނެ އެވެ.