24 Aug 2016, 11:59
ސޯލް(އޮގަސްޓް 24): އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުގައި އޮތް ސަބްމެރިންއަކުން ބެލިސްޓިކް މިސައިލެއް ލޯންޗުކޮށްފި ކަމަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ބުނެފިއެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ ސިންޕޯ ސިޓީ ކައިރިން ލޯންޗު ކުރި ކޭއެން-11 މިސައިލް ވަނީ 500 ކިލޯމީޓަރަށް ދަތުރު ކުރުމަށް ފަހު ޖަޕާނު ކަނޑަށް ވެއްޓިފައެވެ.
އުތުރު ކޮރެއާއިން ބެލިސްޓިކް އަދި ނިއުކްލިއާ ޓެކްނޮލޮޖީ ތަޖުރިބާ ކުރުން ޔޫއެން އިން މަނާކޮށްފައިވީ ނަމަވެސް އެގައުމުން ވަނީ ގާތްގަނޑަކަށް ހަތަރު ފަހަރެއްގެ މަތިން ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.
އަދި މިއަދު އުތުރު ކޮރެއާއިން ލޯންޗު ކުރި މިސައިލަކީ އެގައުމުން ލޯންޗުކުރި އެންމެ ކާމިޔާބު ސަބްމެރިން ބެލިސްޓިކް މިސައިލް ކަމަށް އޮފިޝަލުން ބުނެއެވެ.
ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ މިސައިލް ވެއްޓިފައި ވަނީ އެގައުމުގެ ވައިގެ ސަރައްހައްދުގެ ތެރެއަށް ކަމަށާއި އެއީ "ޖަޕާނުގެ ސަލާމަތަށް ނުރައްކާތެރި" އަމަލެއް ކަމަށް ވިދާޅުވެފައެވެ.
ދެކުނު ކޮރެއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އުތުރު ކޮރެއާއިން އެމިސައިލް ލޯންޗުކޮށްފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާއިން ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގެ ސަބަބުންނެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާއިން ކޮންމެ އަހަރަކު އެއް ފަހަރު ކުރިއަށް ގެންދާ ޑްރިލްތަކަކީ އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޑުރިލްތަކެކެވެ. ނަމަވެސް އުތުރު ކޮރެއާއިން ދެކޭ ގޮތުގައި އެޑުރިލްތަކަކީ އެގައުމަށް ހަމަލާ ދިނުމަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ތައްޔާރުވުމަށް ބާއްވާ ޑުރިލްތަކެކެވެ.
އަދި އޭގެ ސަބަބުން ދެކޮރެއާގެ މެދުގައި ހަނގުރާމައެއް ފެށިދާނެ ކަމަށާއި ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ވަނީ ދީފައެވެ. (ބީބީސީ)