24 Aug 2016, 10:29
އެއް ދުވަސް ތެރޭ ޗެކް ކްލިއަރ ކުރުމުގެ ހިދުމަތް ދޭން ފަށާނީ އޮކްޓޫބަރު މަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މިހާރު މެނުއަލްކޮށް ކުރާ މަސައްކަތް ސިސްޓަމެއް މެދުވެރިކޮށް ކުުރުމުން މިހާރު ތިން ދުވަސް ތެރޭ ކްލިއަރ ވާ ޗެކް އޭރުން އެއްދުވަސްތެރޭގައި ވާނެއެވެ. އެމްއެމްއޭއިން ކުރިން ބުނެފައިވަނީ އެހިދުމަތް އަންނަ މަހު ފެށޭނެ ކަމަށެވެ.
އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު "ސަން"އަށް މިއަދު ވިދާޅުވީ، ބޭންކުން އޮކްޓޯބަރު މަހު އެ ސިސްޓަމް ބޭނުންކުރުމަށް ސިސްޓަމް ޓެސްޓް ކުރުމާއީ، ސްޓާފުން ތަމްރީނުކުރުން އަދި އެހެނިހެން ތައްޔާރީތައްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޮޓޮމޭޓެޑް ކްލިއަރިން ހިންގާ ގޮތް
ކަނޑައެޅިފައިވާ ވަކި ގަޑިއެއްގެ ކުރިން ކަސްޓަމަރުން ބޭންކަށްް ޖަމާކުރާ ޗެކްތައް، ހަމަ އެދުވަހު ސްކޭންކުރުމަށްފަހު ޗެކްގައިވާ މަޢުލޫމާތާއި ޗެކުގެ އިމޭޖް އިލެކްޓްރޯނިކް ކްލިއަރިން ހައުސް މެދުވެރިކޮށް ބޭންކްތަކުގެ މެދުގައި ބަދަލުކުރެވެއެވެ. މިގޮތުން މި ސިސްޓަމް މެދުވެރިކޮށް ޗެކްތައް ކްލިއަރ ކުރުމުގެ މަސައްކަތްތައް ހަމަ އެދުވަހު ކުރިއަށްދާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު ހެދުނު މި ފައިސާ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ.
އެ ބަދަލާއެކު ޗެކުތައް ކްލިއަރ ކުރުމަށްޓަކައި ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ޗެކްތައް ސްކޭންކުރުމަށްފަހު އޭގައިވާ މަޢުލޫމާތު ޗެކުގެ އިމޭޖާއި އެކު މިސިސްޓަމް މެދުވެރިކޮށް ބޭންކްތަކުގެ މެދުގައި ބަދަލުކުރެވޭނެއެވެ.
ޗެކްތަކަށް ބަދަލުތަކެއް
އެބަދަލު އަންނާތީ އެމްއެމްއޭއިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭންކް ތަކުން ދޫކުރާ ޗެކްފޮތްތައް ވަކި ސްޓޭންޑަޑަކަށް ހެދުމަށް އަންގާފައެވެ.
ޗެކުގެ ސައިޒު:
ދިގުމިނުގައި 7 އިންޗި އަދި ފުޅާމުނުގައި 3.5 އިންޗި- ޗެކުގެ ތާރީޚް،ރައްދުވާ ފަރާތް، ސޮއި، އަދި ޢަދަދު ޖެހުމަށް ހާއްސަކުރެވިފައިވާ ފީލްޑްތަށް އެއް މިންގަޑުތަކަށް ހުރުން
- އަދި ޗެކުގައި މެގްނެޓިކް އިންކް ކެރެކްޓަރ ރިކޮގްނިޝަން ) މައިކަރ (ބޭންޑް ނުވަތަ ބަރކޯޑް ހިމެނިފައި ހުރުން)
އެ ޗެކްތަކަކީ ސްކޭންކޮށްގެން ބޭނުންކުރާ ޗެކްތަކަކަށްވުމުން ބާކޯޑް އަދި މައިކާ ޕްރިންޓް ބޭންޑް މަތީގައި ނުލިޔުމަށާއި ތައްގަނޑު ނުޖެހުމަށް ވެސް އެމްއެމްއޭއިން އިލްތިމާސްކުރެއެވެ. އަދި ޗެކްތައް ފަށްނުޖެހުމަށާއި ހީރަސް ނުޖެހުމަށް އެމްއެމްއޭއިން އިލްތިމާސްކުރެއެވެ.