24 Aug 2016, 09:17
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން އެކަށީގެންވާ ވަރަށް ރަނގަޅުވެ، މި އޮގަސްޓް މަހު އެކަނިވެސް 900 ޓަނަށްވުރެ ގިނަ މަސް ކޫއްޑުއަށް ކިރާފައިވާ ކަމަށް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖޭގެ އެކިސަރަޙައްދުތަކުން 547 ދޯނިން 912 ޓަނުގެ މަސް ކިރުވާފައިވެ އެވެ. ވޭތުވެދިޔަ ތިން މަހަށް ބަލާއިރުވެސް އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ މި އޮގަސްޓްމަހުއެވެ.
މި މަހު އެންމެ ގިނައިން މަސްކިރުވީ 20 ވަނަ ދުވަހުއެވެ. އެދުވަހު 103 ޓަނުގެ މަސް ވަނީ ކޫއްޑުއަށް ކިރުވާފައެވެ.
މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގައި 134000 ކިލޯއަށްވުރެ ގިނަ ރީނދޫ އުރަހަ ކަންނެލި ކިރުވި އިރު ދޮށީގެ މަސްވެރިކަމުން ބާނާފައިވާ 287000 ކިލޯގެ ކަޅުބިލަ މަހާއި 23000 ކިލޯގެ ފާނަ ކިރުވިއެވެ.
ލޭނު މަސްވެރިކަން ކޮށްގެން ބާނާފައިވާ 10000 އަށްވުރެ ގިނަ ކިލޯގެ ލޯ ބޮޑުކަންނެއްޔާއި ހިބަރު ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކޫއްޑުއަށް ކިރުވާފައެވެ.
ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް މަސްވެރިކަން ރަނގަޅުވެފައިވާ އިރު މަސްވެރިކަން އެންމެ ރަނގަޅީ މ. އަތޮޅަށެވެ.