ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ "ދަތު" އަށް ރަންބީރު ކަޕޫރު މިހާރު ވަނީ ފުރިހަމަ އަށް ތައްޔާރުވެފައެވެ. އެ ފިލްމުގައި ރަންބީރު ކަޕޫރު ކުޅޭނީ ސަންޖޭ ދަތުގެ ރޯލެވެ.

ނަމަވެސް މިހާރު މިވަނީ އެ ފިލްމުގައި ރަންބީރުގެ ބައްޕަ (ސަންޖޭގެ ބައްޕަ ސުނިލް ދަތު) ގެ ރޯލުން ކުޅަދާނަ އެކްޓަރު އާމިރު ޚާން ފެންނާނެ ކަމަށް ބުނަން ފަށައިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވަނީ ފިލްމުގެ ސްކްރިޕްޓް ވެސް އާމިރަށް ކިޔައިދީފައެވެ. ނަމަވެސް އާމިރު ފިލްމަށް އެއްބަސްވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ.
ފިލްމުގެ މަސައްކަތްތަކުގައި އުޅޭ މީހަކު ބުނެފައި ވަނީ އާމިރު ޚާނަށް ވުރެ މޮޅަށް ސުނިލް ދަތުގެ ރޯލު ކުޅެވޭނެ ދެވަނަ އެކްޓަރަކު ނެތް ކަމަށެވެ.
އާމިރުގެ ކުރިއަށް އޮތް ފިލްމު "ދަންގާލް" ގައި ވެސް އޭނާ ކުޅެނީ ބައްޕަ އެއްގެ ރޯލެވެ.
ރާޖްކުމާރު ހިރާނީ އަދި ސަންޖޭދަތު ވަނީ އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ އިތުރުން އާމިރު އާއި ހިރާނީ ވެސް ވަނީ "3 އިޑިއަޓްސް" އަދި "ޕީކޭ" ފަދަ ބްލޮކްބަސްޓަރ ފިލްމުތައް ކުޅެފައެވެ.