ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެފްއޭ ކަޕްގެ ފުރަތަމަ ބުރުގައި ވޭރު ސްޕޯޓްސް ކްލަބު ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔޫތު ރިވޮލޫޝަން ކްލަބު އަތުން ވޭރު ސްޕޯޓްސް ކްލަބު މޮޅުވެފައިވަނީ ޕެނަލްޓީ ޖަހައިގެން 5-7 ލަނޑުންނެވެ.

އެފްއޭ ކަޕްގެ ފުރަތަމަ ބުރުގައި ވޭރު ސްޕޯޓްސް ކްލަބާއި ޔޫތު ރިވޮލޫޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ޕެނަލްޓީ ޖަހައިގެން 5-7 ލަނޑުން ކާމިޔާބުކުރީ ވޭރު ސްޕޯޓްސް ކްލަބު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު އޮތީ 3-3 ލަނޑުން އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔޫތު ރިވޮލޫޝަން ކްލަބުން ތިން ލަނޑު ކާމިޔާބުކުރި އިރު، ފުރަތަމަ ހާފުގައި ވޭރު ސްޕޯޓްސް ކްލަބަށް ކާމިޔާބު ކުރެވުނީ ދެ ލަނޑެވެ. ވޭރު ސްޕޯޓްސް ކްލަބުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޔޫތު ރިވޮލޫޝަން ކްލަބުން ޖެހި ތިން ލަނޑުގެ ތެރެއިން ހުސައިން ޝަރީފް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އިސްމާއިލް ޝަރީފެވެ. ޔޫތު ރިވޮލޫޝަން ކްލަބުގެ އަހްމަދު ވަހީދު އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާ އިރު، ވޭރު ސްޕޯޓްސް ކްލަބުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ސައްފަތާއި އާދަމް ފަރުހާނެވެ.

އެފްއޭ ކަޕްގެ ފުރަތަމަ ބުރުގައި ވޭރު ސްޕޯޓްސް ކްލަބާއި ޔޫތު ރިވޮލޫޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ޕެނަލްޓީ ޖަހައިގެން 5-7 ލަނޑުން ކާމިޔާބުކުރީ ވޭރު ސްޕޯޓްސް ކްލަބު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕެނަލްޓީ ޝޫޓްއައުޓުގައި ވޭރު ސްޕޯޓްސް ކްލަބުން ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އިރު، ޔޫތު ރިވޮލޫޝަން ކްލަބަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ. ވޭރު ސްޕޯޓްސް ކްލަބުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު ވަހީދާއި، މުހައްމަދު ފާތިކާއި، މުހައްމަދު ޔަޒީ ނާޒިމް އަދި މުހައްމަދު ފައްރާހެވެ. ޔޫތު ރިވޮލޫޝަން ކްލަބުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަލީ ސިފާގާއި، އަބްދުﷲ ޝުއާއު އެވެ.

އެފްއޭ ކަޕުގެ ފުރަތަމަ ބުރުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓާއި ވިލިމާލެ ޔުނައިޓެޑެވެ.

އެފްއޭ ކަޕްގެ ފުރަތަމަ ބުރުގައި ވޭރު ސްޕޯޓްސް ކްލަބާއި ޔޫތު ރިވޮލޫޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ޕެނަލްޓީ ޖަހައިގެން 5-7 ލަނޑުން ކާމިޔާބުކުރީ ވޭރު ސްޕޯޓްސް ކްލަބު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެފްއޭ ކަޕްގެ ފުރަތަމަ ބުރުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރެ އެވެ. އެއީ ކޮންފެޔާ ސްޕޯޓްސް ކްލަބާއި، ނޮޅިވަރަމް ވައިޑީ އާއި، ޔޫތު ރިވޮލޫޝަން ކްލަބާއި، ކްލަބު ޑީއެސް އާއި، މުއިވެޔޮ ފްރެންޑްސް އާއި، ވޭރު ސްޕޯޓްސް ކްލަބާއި، ވެލިއަންޓް ސްޕޯޓްސް ކްލަބާއި، ފެލްކޮން ސްޕޯޓްސް ކްލަބު އަދި ވިލިމާލެ ޔުނައިޓެޑެވެ.