ފިލިޕީންސްގެ ވެރިރަށް މެނީލާގެ ފުލުހުން ޑިއުޓީގައި އުޅޭއިރު ކޮށްގެން ނުވާނެ ބައެއް ކަންކަން ލިސްޓު ކޮށް، މެނީލާ ސަރަހައްދުގެ ފުލުސް އޮފީހުން ސާކިއުލާއެއް ނެރެފިއެވެ.

ފިލިޕީން ސްޓާ ނޫހުގައި ބުނެފައިވާ ގޮތުން ނޭޝަނަލް ކެޕިޓަލް ރީޖަލް ޕޮލިސް އޮފީސް (މެނީލާ ޕޮލިސް)އިން ނެރުނު ސާކިއުލާގައި ބުނެފައިވަނީ، ފުލުހުންގެ އަގު ވެއްޓޭ ބައެއް ކަންކަން ފާހަގަވެފައިވާ ކަމުން އެކަންކަން ނުކުރުމަށް ފުލުސް އޮފީހުން އަންގާ ކަމަށެވެ.

މެނީލާގެ ފުލުހުންނަށް މަނާ ކުރެވުނު ކަންތައް:

  • ނޭފަތް ކޮއްޓުން
  • ސެލްފީ ނެގުން
  • އޮންލައިން ގޭމް ކުޅުން
  • ގައިގައި ހިރުވާ ތަންތަން ކަހައިލުން
  • އެންމެ ފައެއް މައްޗަށް ކޮޅަށް ހުރުން ފަދަ ކަންކަން

މެނީލާގެ ފުލުހުންނަށް ފުލުސް އޮފީހުން މިފަދަ ގަވައިދުތަކެއް ހެދީ، ދާދި ފަހުން ފުލުހުންގެ ބަޔަކު ޑިއުޓީގައި އުޅެމުން ސެލްފީ ނަގައި ސޯޝަލް މީޑިއާއަށް އެތަކެތި ލާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުންނަށް 2013 ވަނަ އަހަރުން ފެށިގެން ވަނީ ޑިއުޓީގައި އުޅޭ އިރު ސެލްފީ ނެގުން މަނާކޮށްފައެވެ.