24 Aug 2016, 08:45
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ށ. އަތޮޅުގެ ޗެމްޕިއަންކަން މިލަންދޫން ހޯދައި، ނ. އަތޮޅުގެ ޗެމްޕިއަންކަން ލަންދޫ ހޯދައިފިއެވެ.
ށ. އަތޮޅުގެ ޗެމްޕިއަންކަން މިލަންދޫން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި 1-0 ލަނޑުން ފޯކައިދޫ އަތުން މޮޅުވެގެންނެވެ. އެ މެޗު ކުޅެފައިވަނީ މިލަންދޫ ފުޓްބޯޅަ ދަނޑުގައެވެ.
އިއްޔެ ކުޅުނު އެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 27 ވަނަ މިނެޓުގައި މިލަންދޫ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޒަމީރެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ށ. އަތޮޅު ފައިނަލުގައި މިލަންދޫ އާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ މިލަންދޫން --- ފޮޓޯ: އެފްއޭއެމް
ނ. އަތޮޅުގެ ޗެމްޕިއަންކަން ލަންދޫން ހޯދީ ކުޅުނު ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން 3-2 ލަނޑުން މޮޅުވެގެންނެވެ. ނ. އަތޮޅުގެ ބުރުގައި ހަމައެކަނި ލަންދޫ އާއި ހޮޅުދޫ ބައިވެރިވެފައިވުމުން އެ ބުރު ކުރިއަށްދިޔައީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ކުޅުނު މެޗުގައި ހޮޅުދޫ އަތުން 2-1 ލަނޑުން ލަންދޫ މޮޅުވި އިރު، އިއްޔެ ހަވީރު އަމިއްލަ ރަށުގައި ކުޅުނު މެޗުގައި ހޮޅުދޫ ވަނީ ލަންދޫން އަތުން 1-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ހޮޅުދޫ ކާމިޔާބުކުރި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޫސާ އިބްރާހީމެވެ.
ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫ އާއި ނ. އަތޮޅުގެ ޗެމްޕިއަން ލަންދޫ ދެން ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ދޭއްގެ ބުރު ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ އިރު، ފުރަތަމަ ލެގު މެޗު އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ށ. މިލަންދޫގައެވެ. އަދި ދެވަނަ ލެގު މެޗު އަންނަ ހޯމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ނ. ލަންދޫގައެވެ. ދެ ލެގު ކުޅެ، އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށް ޒޯން ދޭއްގެ ޗެމްޕިއަންކަން ލިބޭނެއެވެ.