އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ، ކޮރެއަން ސެންޓްރަލް ޓެލެވިޜަން (ކޭސީޓީވީ)އިން ވީޑިއޯ އޮން ޑިމާންޑް ޚިދުމަތް ދޭ ޑިވައިސެއް ތައާރަފު ކޮށްފިއެވެ.

އުތުރު ކޮރެއާއިން ވީޑިއޯ އޮން ޑިމާންޑް ޚިދުމަތެއް ތައާރަފު ކުރި އިރު، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ވީޑިއޯ އޮން ޑިމާންޑް ޚިދުމަތަށް އެންމެ މަޝްހޫރީ އެމެރިކާގެ "ނެޓްފްލިކްސް" އެވެ.

އުތުރު ކޮރެއާއިން ވެސް ނެޓްފްލިކްސް ފަދަ ވީޑިއޯ އޮން ޑިމާންޑް ޚިދުމަތެއް ފަށާފައިވާ އިރު، އެ ޚިދުމަތް ފޯރުކޮށްދެނީ ކޭސީޓީވީއިންނެވެ.

"މަންބަންގް"ގެ ނަމުން ނަން ދީ، ތައާރަފު ކުރި މި ސެޓްއަޕް ބޮކްސް އަށް އެގައުމުގައި ވަރަށް ޑިމާންޑް ބޮޑު ކަމަށް ކޭސީޓީވީއިން ބުނެއެވެ.

އުތުރު ކޮރެއާގެ "ނެޓްފްލިކްސް"ގެ ގޮތުގައި ގިނަ ބަޔަކު ބުނާ މަންބަންގް ވަނީ، އެގައުމުގެ ދައުލަތުން ކޮންޓްރޯލް ކުރާ އިންޓާނަލް ނެޓްވޯކް (އިންޓްރާނެޓް)އާ ގުޅިފައެވެ. އަދި އޭގެން ޑޮކިއުމެންޓްރީތަކެއް ބޭނުން އިރަކު ބެލެން ހުންނަ އިރު، ފަސް ޓީވީ ޗެނަލެއް ވެސް ބެލެން ހުރެއެވެ. އަދި ބަލަން ބޭނުންވާ އެއްޗަކަށް ރިކުއެސްޓް ވެސް ކުރެވެއެވެ.

"މީހަކު މިސާލަކަށް، ޖަނަވާރާ ބެހޭ އެއްޗެއް ބަލަން ބޭނުން ނަމަ ޖެހޭނީ އެޔަށް ރިކުއެސްޓް ފޮނވުަން. ދެން އޭގެން އެ ވީޑިއޯ ދައްކައިދޭނެ. މިއީ ޓޫވޭ ކޮމިއުނިކޭޝަން ނިޒާމެއް،" އުތުރު ކޮރެއާގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ މަރުކަޒުގެ އިސްވެރިޔާ ކިމް ޖޮންގް މިން ބުނިކަމަށް އުތުރު ކޮރެއާގެ އެންކޭ ނިއުސްއިން ބުނެއެވެ.

އެ ނޫހުން ބުނާ ގޮތުގައި، އޮން ޑިމާންޑް ކޮންޓެންޓްގެ ގޮތުގައި އިނގިރޭސިއާއި ރަޝިއާބަސް ދަސްކުރާ މެޓީރިއަލް ވެސް ހިމެނެއެވެ.