ވިހި ވިހީގައި ޖަޕާނުގައި އޮންނަ އޮލިމްޕިކް ގޭމްސްއަށް ތައްޔާރުކުރާ މެޑަލްތައް، އިލެކްޓްރޯނިކް ވޭސްޓް ނުވަތަ އިލެކްޓްރޯނިކް "ކުނި" ބޭނުންކޮށްގެން ހެދުމަށް ހުށަހަޅައިފިއެވެ.

ޖަޕާނުގެ އޮލިމްޕިކް ކޮމިޓީން އެގައުމުގެ ސަރުކާރަށް މިކަން ހުށަހަޅާފައި ވަނީ މި އަހަރުގެ ކުރީކޮޅު ކަމަށް މީޑިއާގައި ރިޕޯޓު ކުރެވިފައި ވެއެވެ. އާންމު ގޮތެއްގައި ހޯސްޓް ގައުމުން އޮލިމްޕިކް މެޑަލްތައް ހަދަނީ މައިނުކޮށްގެން ބިމު އަޑިން ނަގާ މައުދަނުތަކުންނެވެ. އެހެން ނަމަވެސް ޖަޕާނުގައި އެފަދަ މައުދަނުތައް ނުހުންނަ އިރު، އެގައުމުން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށެވެ.

ސްމާޓްފޯނު، ޓެބްލެޓްސް ފަދަ އިލެކްޓްރޯނިކް ސާމާނުތަކުގައި ޕްލެޓިނަމް، ޕެލެޑިއަމް، ރަން، ރިހި، ލިތިއަމް، ކޯބަލްޓް އަދި ނިކެލް ކަހަލަ މައުދަނުތައް ހުންނަ އިރު ކާރާއި ގޭތެރޭގައި ގެންގުޅޭ އިލެކްޓްރޯނިކްތަކުގައި ދަގަނޑު، ކޮޕަރ، ލެޑް އަދި ޒިންކް ކަހަލަ މައުދަނުތައް ހުރެއެވެ. އިލެކްޓްރޯނިކް ވޭސްޓް ރީސައިކަލް ކުރާ ކުންފުނިތަކުން މިފަދަ ތަކެތި ހޯދުމަށްފަހު އޭގެ މައުދަނުތައް ނަގައި ހަދައެވެ.

އޭޝިއާ ސަރަހައްދުގައި ޖަޕާނަކީ އެންމެ ގިނައިން ތަކެތި ރީސައިކަލް ކުރާ ގައުމެވެ. ކޮންމެ އަހަރަކުވެސް ޖަޕާނުގައި 650،000 ޓަނަށް ވުރެ އިލެކްޓްރޯނިކް ސާމާނު އުކާލެވޭ ނަމަވެސް، ރީސައިކަލް ކުރުމަށް އޭގެ ތެރެއިން އެއްކުރެވެނީ 100،000 ޓަނަށް ވުރެ ވެސް މަދު މިންވަރެކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޖަޕާނުން 2020 ގެ އޮލިމްޕިކްސްއަށް މެޑަލް ހެދުމަށް ރީސައިކަލް ކުރެވޭނެ އިލެކްޓްރޯނިކް ސާމާނު ހަދިޔާ ކުރުމަށް ގައުމުތަކާއި ކުންފުނިތަކުގައި އެދެން ޖެހޭނެއެވެ.

ރީސައިކަލް ކުރެވޭ ތަކެތި ބޭނުންކޮށްގެން މެޑަލް ހަދައިފި ނަމަ، މެޑަލް ހެދުމަށް ޖަޕާނުން ކުރާނެ ޚަރަދު ކުޑަ ވާނެއެވެ. އެއީ، ބޭނުންކޮށްފައިވާ އެއްޗެއް އަލުން ބޭނުންކުރުމަކީ، މައިނު ކުރެވިފައިވާ މައުދަނުތައް މާކެޓުން ގަނެގެން ހެދުމަށް ވުރެ އަގުހެޔޮ ކަމަކަށް ވާނެތީއެވެ.