ޗައިނާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވޫ ބަންގޫ ރާއްޖެ އަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށް ފަހު ރޭ ފުރައިވަޑައިގެންފި އެވެ.

ޗައިނާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވޫ ބަންގޫ މި މެއި މަހުގެ 28 ން 30 އަށް ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ރޭ ފުރައިވަޑައިގަތުމުގެ ކުރިން މާލޭ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ.

އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ވޫ ބަންގޫ ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރައްވައި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ކުރިއަށް ގެންދެވި އެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުއާ ވެސް ބައްދަލުކުރެއްވި އެވެ.

ވޫ ބަންގޫގެ ދަތުރުފުޅުގައި 100 މިލިއަން ޔުއާން )15.40 މިލިއަން ޑޮލަރު(ގެ ހިލޭ އެހީއެއް ރާއްޖެ އަށް ދިނުމަށް ޗައިނާ ސަރުކާރުން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވެ އެވެ. އަދި ވޫ ބަންގޫ އާއި ޗައިނާގެ ގާނޫނު ހަދާ މަޖިލިސްގެ ވަފުދުން ރައްޔިތުންގެ މަޖިލީހަށް ހަދިޔާ ކުރެއްވި އިކްވިޕްމެންޓްތަކެއް ވެސް ހަނދިޔާކުރެއްވި އެވެ. އެ ގޮތުން މަޖިލީހުގެ 77 މެންބަރުންނަށް 70 ލެޕްޓޮޕާއި 50 ކެމެރާގެ އިތުރުން 55 އިންޗީގެ ފްލެޓްސްކްރީން ދެ ޓީވީ ހަދިޔާކުރެއްވި އެވެ.

ވޫ ބަންގޫ އާއި ރައީސް ނަޝީދާ އެކު ރައީސް އޮފީހުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި ވެސް މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމަށް ވިދާޅުވި އެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޓަކައި ޗައިނާ ސަރުކާރަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވި އެވެ. އެ ބައްދަލުވުމުގައި ވޫ ބަންގޫ ވިދާޅުވީ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓް ބޭއްވުމުގެ ތައްޔާރީތަކަށް ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށާއި ޗައިނާ އިން ސަމިޓަށް އޮބްޒާވަރުންގެ ވަފްދެއް ފޮނުއްވުމަށް ހަމަޖައްސަވާފައިވާ ކަމުގައި ވެސް ޗެއާމަން ވޫ ވިދާޅުވި އެވެ.