މަސްތުވާތަކެއްޗާ ދެކޮޅަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ފެއްޓެވި "ހަނގުރާމަވެރި" މަސައްކަތުގައި މިހާތަނަށް 1،900 މީހަކު މަރާލާފައިވާ ކަމަށް ފިލިޕީންސްގެ ފުލުހުންގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑުޓާޓޭ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، މަސްތުވާތަކެތި ބޭނުންކުރާ، އަދި އޭގެ ވިޔަފާރި ކުރާ މީހުންނަށް ދަނީ ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ހަތިޔާރުން ހަމަލާ ދެމުންނެވެ. އެގޮތުން އެމީހުން ބަޑި ޖަހައި މަރަމުން ދެއެވެ.

ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ މަސައްކަތާ އެކު، މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާ މައްސަލައިގައި ފުލުހުންގެ ޑިރެކްޓަރ ޖެނެރަލް ރޮނަލްޑް ޑެލަ ރޯޒާ، ފިލިޕީންސްގެ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ މިދިޔަ ހަތް މަސް ދުވަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި 1،900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މަރާލެވުނީ ގާތްގަނޑަކަށް 754 މީހުން ކަމަށާއި އެހެން މަރުތައް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 1،900 މަރުގެ ތެރެއިން 40 މަރަކީ ވައްކަން ނުވަތަ އަމިއްލަ ފަރާތްތަކުގެ މެދުގައި ޖެހުނު މައްސަލަތަކެއްގެ ތެރެއިން ހިނގި މަރުތަކެއް ކަމަށް ފުލުސް ޑިރެކްޓަރު ޖެނެރަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފުލުސް އޮފިސަރުންގެ ތެރެއިން 300 މީހުން މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، ކަށަވަރު ކުރެވިއްޖެ ނަމަ ދައުވާ ކުރުމަށްފަހު ވަޒީފާއިން އެމީހުން ވަކި ކުރާނެ ކަމަށެވެ.

ޕޮލިސް ޑިރެކްޓަރު ޖެނެރަލް ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ އެ ބޮޑު އޮޕަރޭޝަން ފެށި ދުވަހުން ފެށިގެން މިހާތަނަށް، އެކަމުގައި އުޅޭ 700،000 އަށް ވުރެ ގިނަ މީހުން ފުލުހުންނާ އަމިއްލައަށް ވެސް ހަވާލުވެފައި ވެއެވެ.

"އަޅުގަނޑަށް އެނގޭ ގިނަ ބަޔަކު މަރުވަމުންދާކަން ވެސް. އެކަމަކު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މި މަސައްކަތުގެ ކުންނާ ހަމައަށް އާދެވިއްޖެ،" ޕޮލިސް ޑިރެކްޓަރ ޖެނެރަލް ރޮނަލްޑް ޑެލަ ރޯޒާ ވިދާޅުވިއެވެ.

ފިލިޕީންސްގެ ރައީސް ޑުޓާޓޭ އިއުލާން ކުރެއްވި "ވޯ އޮން ޑްރަގްސް" ނުވަތަ ޑްރަގާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން އދ.އިން ވަނީ ޑުޓާޓޭއަށް ފާޑު ކިޔައިފައެވެ.

މި ކަމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ، އދ.ން ފިލިޕީންސަށް ފާޑުކިޔުން އަމާޒު ކޮށްފައި ވެއެވެ. އެ ކަމަކީ "ހަމަނުޖެހުމާއި މީހުން މެރުމަށް މަގުފަހިކުރާ"، ބައިނަލްއަގުވާމީ ގާނޫނުތަކާ ގަވައިދުތަކުގެ ދަށުން ވާ ބޮޑު ޖަރީމާއެއް ކަމަށް އދ.ން ބުންޏެވެ.

ރައީސް ޑުޓާޓޭ އދ.އަށް ރައްދު ދެއްވަމުން ވިދާޅުވީ، އދ.ގައި ހިމެނޭ މާހިރުންނަކީ މޮޔައިން ކަމަށާއި، ޓެރަރިޒަމާއި ބަނޑުހައިހޫނުކަމާއި ދެފަރާތުގައި ޖެހޭ މައްސަލަތައް ފަދަ ކަންކަން ހައްލު ކުރުމުގައި އދ. ވަނީ ފެއިލްވެފައި ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ އދ. އަށް ބަދުބަހެއް ރައްދު ކުރާކަށް. އެކަމަކު ތިޔަ ޖަމިއްޔާއިން އަޅުގަނޑުމެންނާ އެހާ ނުރުހުންތެރިކަމާ އެކު ވާހަކަ ދައްކާ ނަމަ އަޅުގަނޑުމެން ތިޔަ ޖަމިއްޔާއިން ވަކިވާނަން. ތިޔަ ބޭފުޅުން މި ގައުމަށް އެންމެ ފަހުން ވަޑައިގަތީ ކޮން އިރަކުތޯ؟ ފާޑު ކިޔުމަށް ނޫނީ ދުވަހަކުވެސް ނާދޭ،" ރައީސް ޑުޓާޓޭ ވިދާޅުވިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންއާއި އެޖަމިއްޔާގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްއިން ވަނީ، ރައީސް ޑުޓާޓޭގެ އަމަލުތައް ކުށްވެރި ކުރައްވައިފައެވެ. އެގޮތުން، ޝަރުއީ މަރުހަލާއެއް ފުރިހަމަނުކޮށް ދައުލަތުގެ ފަރާތުން ބައެއްގެ ފުރާނަ ނަގާލަމުން ދިއުމަކީ ގާނޫނާ ޚިލާފު، އަދި އިންސާނަކަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކަކަށް އަރައިގަތުން ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.