ފޮޓޯގްރާފަރުންނާއި ނޫސްވެރިކަމުގެ މަސައްކަތް ކުރުމަށް ރާއްޖެ އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެ އަންނަ އެފަދަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރާނީ އެ މީހުންނަށް ވިސާ ދޫކުރުމުގެ ކުރިން ކަމަށާއި އެހެންކަމުން އެ މީހުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އަށް އެދޭ އިރު، ސެކިއުރިޓީ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ފޯމް އިމިގްރޭޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މުއައްސަސާއިން ބުނެ އެވެ.

އިމިގްރޭޝަނުން އެގޮތަށް ނިންމީ ކީއްވެކަން ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ މަހު ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް ކުރިއަށްދިޔަ ސަރަހައްދުގައި ނޫސްވެރިކަން ކުރަނިކޮށް ދެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފަހުން އެ ދެ ބިދޭސީން ވަނީ ޑީޕޯޓުވެސް ކޮށްލާފަ އެވެ.

އިމިގްރޭޝަން ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޓޫރިސްޓް ވިސާގައި ރާއްޖެ އަންނަ މީހުންނަކީ ވަޒީފާއެއް އަދާކުރުމުގެ ނިޔަތެއް ނެތި އަދި އާމްދަނީ ލިބޭނެ އެއްވެސް މަސައްކަތެއްކުރުމުގެ ނިޔަތެއް ނެތި ހަމައެކަނި ރާއްޖެ އަންނަ ބިދޭސީއަކަށް ދެވޭ ވިސާއެއް ކަމަށެވެ.