އައިންމަތީ މިޔަރު ހިމާޔަތް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ބައިނަލް އަގްވާމީ ގޮތުން ތާއީދު ލިބޭނެކަން ޔަގީން ވެއްޖެކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅު ފޯސީޒަންސް ލަނޑާގިރާވަރު ރިސޯޓުގައި މިއަދުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް "ދަ ސެކަންޑް އިންޓަރނޭޝަނަލް ޝާކްއެންޑް ރޭ ކޮންޒަވޭޝަން ސިމްޕޯޒިއަމް" ގެ ނަމުގައި ކުރިއަށް ގެންދާ ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އެ ކަމަށް ތާއީދު ލިބެމުން އަންނަ ކަމަށެވެ. އެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން 50ށް ވުރެ ގިނަ ގައުމުތަކުގެ ތާއީދު ލިބިފައިވާ ކަމަށެވެ.

މިނިސްްޓަރު ވިދާޅުވީ ރާއްޖެއިން ކޮޕް ސެވަންޓީންގެ ބައްދަލުވުމަށް ހުށައަޅުއްވާ އައިންމަތީ މިޔަރު ހިމާޔަތްކުރުމުގެ ޕްރޮޕޯޒަލަށްވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ތާއީދު ލިބެމުން އަންނަ ކަމަށެވެ.

"ދަ ސެކަންޑް އިންޓަރނޭޝަނަލް ޝާކްއެންޑް ރޭ ކޮންޒަވޭޝަން ސިމްޕޯޒިއަމް" ގެ ނަމުގައި ބ. އަތޮޅުގެ ރިޒޯޓެއްކަމަށްވާ ފޯރ ސީޒަންސް ލަނޑާގިރާވަރުގައި ކުރިއަށް ގެންދާ ސިމްޕޯސިއަމްގެ ތެރެއިން --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ރާއްޖެއިން ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކުގެ ސަބަބުން މިހާރު ވެސް ރާއްޖޭގެ މަސްވެރިކާމާއި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް އެކި ގޮތްގޮތުން ކުރިއެރުން ލިބެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލަނޑާގިރާވަރުގައި ކުރިއަށްދާ ސިމްޕޯސިއަމްގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ހަ ގައުމެއްގެ އިސްބޭފުޅުން ބައިވެރިވެ އެވެ.

އެ ސިމްޕޯޒިއަމްގައި އެކަމާ ގުޅޭ ތަޖުރިބާކާރުން ބައިވެރިވެފައިވާއިރު، މިޔަރާއި، މަޑި ހިމާޔަތްކުރެވިދާނެ ގޮތްތަކާއި، ދުނިޔޭގެ ފެންވަރުގައި އެކި އެކި ޖަމްޢިއްޔާތަކުން ކުރަމުންދާ މަސަކަތްތަކާއި، ގުޅޭ ޕްރެޒެންޓޭޝަންތަކެއްވަނީ ހުށަހަޅާފައިވެ އެވެ.

ކޮޕް ސެވަންޓީންގެ ބައްދަލުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު ސައުތުއެފްރިކާގެ ޖޮހަނަސްބާގްގަ އެވެ.