އިސްކަންދަރު ސްކޫލް ކުރިމައްޗަށްވާ ގޮތަށް އޮންނަ ދިދި ގޯޅިތެރޭގައި ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލް އަހުމަދު،19، މަރާލި މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ދެ ކުއްޖަކު 13 އަހަރާއި ހަތަރު މަހަށް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހާދިސާ ހިނގި އިރު އެ ދެ ކުދިންގެ އުމުރަކީ ވެސް 16 އަހަރެވެ. އޭގެތެރެއިން އެއްކުއްޖަކަށް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ.

އެ ދެ ކުދިންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 ހާއިރު ދީދި ގޯޅިތެރޭގައި ހުންނަ އަގޯރާ އެކްސްޕްރެސް ފިހާރަ ކުރިމަތީގައި އަސީލް ކުދިންތަކަކާ އެކު ތިއްބައި އެ ދެ ކުދިން އިތުރު ބަޔަކާ އެކު އެތަނަށްގޮސް އެމީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އަސީލް މަރުވީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ޖުވެނައިލް ކޯޓުގެ ހުކުމްގައި ވަނީ އެ ދެ ކުދިން ދައުވާ އަށް އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގަރީނާތަކުން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް އެ ދައުވާ ސާބިތުވާ ކަމަށެވެ.

އާ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެކުށަށް ކަނޑައަޅާފައިވާ އަދަބަކީ 20 އަހަރު ގެ ޖަލު ހުކުމެއް ކަމަށް ވިޔަސް 13 އަހަރާއި ހަތަރު މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރީ ކުށް ކުރި އިރު އެ ދެ ކުދިންނަކީ ގާނޫނީގޮތުން ކުޑަކުދިން ކަމުގައިވާތީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް އިންސާފުކޮށް އަދަބު ދިނުމުގެ ގަވާއިދަށް ރިއާޔަތްކުރުމަށްފަހުއެވެ.

އެ ހުކުމް ޖުވެނައިލް ކޯޓުން އިއްވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. ކުށް ސާބިތުވީ ކުޑަކުދިން ކަމަށްވާތީ އެކުދިންގެ މައުލޫމާތު ހާމައެއް ނުކުރެވޭނެއެވެ.