23 Aug 2016, 16:59
ލިވަޕޫލްގެ އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީގެ ސޮއި ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް، އިޓަލީގެ ސަސުއޯލޯއިން އެ ފުރުސަތު ދޫކޮށްލީކަމަށް އެ ކްލަބުގެ ސީއީއޯ ޖިއޮވާނީ ކާނެވަލީ ވިދާޅުވެއްޖެއެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްގެ ރޭވުންތަކުގައި ބަލޮޓެލީ ނުހިމެނޭތީ މިހާރު އޭނާ ތަމްރީންތައް ހަދަމުންދަނީ އެ ކްލަބުގެ 23 އަހަރުން ދަށުގެ ޓީމާއެކުއެވެ.
"އަހަރެމެންނަށް ބަލޮޓެލީގެ ހުށަހެޅުން ހިފައިގެން އޭނާގެ އެޖެންޓް މިނޯ ރައިއޯލާ އައިސްފައިވޭ. އެކަމަކު އަހަރެމެން ބަލޮޓެލީ ބޭނުން ނުވީ،"ރައި ސްޕޯޓްސްގެ ޒޯނާ 11ޕީއެމް ޝޯގައި ވާހަކަދައްކަވަމުން ކާނެވަލީ ވިދާޅުވިއެވެ.
މިދިޔަ ސީޒަނުގައި ލޯނުގެ ދަށުން އިޓަލީގެ އޭސީ މިލާނާ އެކު ނާކާމިޔާބު ސީޒަނެއް ހޭދަކުރި ބަލޮޓެލީގެ ހުށަހެޅުން ތުރުކީގެ ބެސިކްޓާސް އަށް އައި ނަމަވެސް، އެ ކްލަބުގެ ކޯޗު ސެނޮލް ގުނޭސް ވެސް އޭނާ ބޭނުން ވެފައެއް ނުވެއެވެ.
މިދިޔަ ސީޒަނުގެ އިޓަލިއަން ސެރީއާގައި ބަލޮޓެލީ ކުޅުނު 20 މެޗުން އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ލަނޑެކެވެ.