މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބ. ހިބަޅިދޫ ފަޅުތެރެއިން ހަތިޔާރު ފެނުނު މައްސަލާގައި ދައުވާ ކޮށްފައި ވަނީ ކުރިން ހުކުމް ކޮށްފައިވާ ހާދިސާއަކަށް ކަމަށާއި އެއީ ވަރަށް ބޮޑު ޖޯކެއް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ އެއް ހާދިސާއެއްގެ މައްޗަށް ދެ ވަނަ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް މިވަނީ އުފުލާފައި ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެ މައްސަލައިގެ ހުކުމް އޮތީ ލިޔެފައި ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ޖޯކެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި ހުކުމް އޮތީ ލިޔެފައި. އިތުރަށް އަޅުގަނޑު [މި މައްސަލާގައި] ދައްކާނެ ވާހަކައެއް ނެތް،" އަދީބު ވިދާޅުވި އެވެ.

އަދީބުގެ އެ ވާހަކަތަކާ ގުޅިގެން ގާޒީ ޝަކީލް ވިދާޅުވީ އޭނާ އެ މައްސަލައާ ހަވާލުވެލެއްވީ ވަކި މީހަކު ބުނާގޮތަށް ހުކުމް ކުރާކަށް ނޫން ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަވާނީ ގާނޫނު އަސާސީން ލިބިދޭ ހުރިހާ ހައްގެއް ދައުވާ ލިބޭ ފަރާތްތަކަށް ލިބިދިނުމަށް ފަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެފަދަ ވާހަކައް ތަކުރާރު ނުކުރެއްވުމަށް ވެސް ގާޒީ ވަނީ އަދީބަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި އެފަދަ ވާހަކަތައް ތަކުރާރު ކުރައްވާ ނަމަ އެހެންގޮތަކަށް އަމަލުކުރަން ޖެހިދާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.