31 May 2011, 10:35
ހއ. ބާރަށުން ފުރައިގެން އެގާރަ މީހުންނާ އެކު ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ހާލުގައި ޖެހިފައިވަނިކޮށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މަލާފެހި ނަމަކަށް ކިޔާ އެ ދޯނިން ވާހަކަ ދެއްކި ސޮއްފަތު މުހައްމަދު ބުނީ މިއަދު ހެނދުނު 7:30 އެހާކަންހާއިރު ބާރަރަށުން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް އެ ދޯންޏަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނީ "ގިޔަރުފޮތި ކަހާލައި" ބުރަފަތި ނޭބުރިގެން އުޅެނިކޮށް ކަމަށެވެ. ސޮއްފަތު ބުނީ އެދޯނިން ހަތަރު އަހަރުގެ ކުޑަ ކުއްޖަކާއި ދެ އަންހެނުންނާ އެކު ޖުމްލަ 11 މީހުން ދަތުރު ކުރި ކަމަށެވެ.
"އެހާދިސާ ހިނގަން މެދުވެރިވީ ބުރަފަތި ނޭބުރޭތީ، އެތެރޭން ލޮކެއް ނެއްޓިފައިވާ ކަމަށް ބޮޑަށް ބެލެވުނީ، އެހެން ތިއްބާ ކުޅުދުއްފުއްޓަށް ދިޔަ ފުލުހުންގެ ލޯންޗަކުން ފުރަތަމަ އެހީވީ،" ސޮއްފަތު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ދޯނި އޮތީ ނޮޅިވަރަމްފަރު ބޭރުގައި ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާ އެކު އެ ދޯނީގައި ތިބި ދެ އަންހެނުންނާއި ކުޑަކުއްޖަކާ އެކު ޖުމްލަ ހަ މީހުން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށާއި އެރަށު އިތުރު ދޯންޏެއްގެ އެހީތެރިކަމާ އެކު އެ ދޯނީގެ ވެރިފަރާތުން އެދޯނި ކަފުޖަހައިގެން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.