23 Aug 2016, 16:01
ހުޅުމާލޭގެ ދެވަނަ ފޭހުން 76 ބިން ވިއްކަން ނިންމައި އިއުލާންކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ދެ ވަނަ ފޭހުން ވިއްކަން ނިންމާފައި ވަނީ 1000 އަކަފޫޓާއި 1800 އަކަފޫޓާ ދެމެދުގެ ސައިޒެއްގެ 76 ބިން ކަމަށާއި އެ ބިންތައް ވިއްކުމަށް ބީލަމަށް ހުޅުވާލާނީ އަންނަ މަހު ކަމަށެވެ.
އެ ބިންތަކަކީ ފޭސް ދޭއްގެ ނޭބަހޫޑް 1 އިން ވިއްކާ ބިންތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ ދެ ކެޓަގަރީގައި ހިމެނެނީ ބީޗު ފްރަންޓުން ވިއްކާ 38 ޕްލޮޓާއި ބީޗް ސައިޑް އިން ވިއްކާ 38 ޕްލޮޓެވެ. އަދި އެ ޕްލޮޓްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ބީލަމުގެ އުސޫލުން ކަމަށް އެޗުޑީސީ އިން ބުންޏެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 3000 ރުފިޔާ އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރުމަށް މިއަދު މެންދުރު ފަހު އެޗްޑީސީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބިން ގަތުމަށް ޓަކައި ބީލަން ހުށަހެޅޭނެ ފުރުސަތު އެބައޮތް ކަމަށެވެ.
އެގޮތުން ކޮންމެ ފަރާތަކަށް ވެސް ބީލަން ހުށަހެޅޭނީ ކޮންމެ ކެޓަގަރީއަކުން ގިނަވެގެން ދެބިމަށް ކަމަށް ސައިމަން ވިދާޅުވި އެވެ. އަދި ހުށަހަޅާ ކޮންމެ ބިމަކަށް ވެސް ބިޑް ސެކިއުރިޓީ ބަހައްޓަން ޖެހޭ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ސައިމަން ވިދާޅުވި އެވެ.
އެންމެ މަތިން ބީލަން ހުށަހަޅައިގެން ބީލަން ކާމިޔާބުކުރާ ފަރާތަކަށް ފައިސާ ދެއްކުމަށް ޓަކައި ދެގޮތް އިހުތިޔާރުކުރެވިދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ. އޭގެ ތެރޭގައި ދެ ހަފްތާ ތެރޭގައި އެއްފަހަރާ އަގު އަދާކުރާ ގޮތަށާއި ތިން މަސް ދުވަސް ތެރޭގައި ތާޑް ޕާޓީއެއް މެދުވެރިވެގެން ފައިސާ ދައްކާގޮތް ހެދޭނެ ކަމަށް ސައިމަން ވިދާޅުވި އެވެ.
ބިމުގެ އަގުގެ އިތުރުން އެކުއިޒިޝަން ފީ (ކޮންޓްރެކްޓް ފީ) އެއްގެ ގޮތުގައި ބިމުގެ އަގުގެ ފަސް ޕަސެންޓް ނެގުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެކުއިޒިޝަން ފީއަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އަނބުރާ ރައްދުކުރެވޭނެ އެއްޗެކެވެ.
ބިން ވިއްކުން ރަސްމީގޮތުން އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.