ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނެގުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އަށް ކުންފުންޏަކަށް 80 ކޯޓާގެ ރޭޓުން ކޯޓާ ދޫކޮށްފައިވާ އިރު އިސްލާމިކް މިނިސްޓްރީން ހުއްދަދީފައި ވަނީ މަދުވެގެން 57999 ރުފިޔާ ނެގުމަށެވެ. އަދި އެންމެ މަތިން ހުއްދަދީފައިވާ ފަރާތަށް ހުއްދަދީފައި ވަނީ ވީއައިޕީ ޕެކޭޖެއްގެ ގޮތުގައި 112129 ރުފިޔާ ނެގުމަށެވެ. އާންމު ރޭޓް އުޅެނީ 65000 ރުފިޔާ އަށެވެ. އިތުރަށް ފައިސާ ނެގުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެ ރޭޓުގެ ބަދަލުގައި އެ ކޯޓާތައް އެތައް ގުނައެއް އަގު ބޮޑުކޮށް ވިއްކިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ އިތުރަށް ފައިސާ ނަގާކަމަށް ދެކެވޭ ވާހަކަތައް އަންނަ އަހަރުން ފެށިގެން ނީވޭނެ ކަމަށާއި އެކަމަށް ހާއްސަ އުސޫލްތަކެއް ކަނޑައަޅާނެ ކަމަށެވެ.

"ފައިސާ ނަގާ އުސޫލުތަކަށް ބަދަލު ގެނެސް އުސޫލުތައް ހަރުދަނާކޮށްގެންވެސް މިވާހަކަ ދެން ނުދެކެވޭގޮތް ހަދާނަން،" މުސްތަފާ ވިދާޅުވިއެވެ.

މިއަހަރު އިތުރަށް ފައިސާ ނެގި ފަރާތްތަކާ ގުޅޭގޮތުން މުސްތަފާ ވިދާޅުވީ އެމައުލޫމާތު އެމިނިސްޓްރީއަށް ލިބުމުން ޖަމާއަތްތަކާ ވާހަކަ ދެއްކި ކަމަށެވެ. އަދި ޖަމާއަތްތަކުން އެކަން ދޮގުކުރާ ކަމަށެވެ.

އިތުރަށް ފައިސާ ނެގިކަން ހެއްކާއެކު މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށާއި ހެއްކާއެކު ހުށައަޅައިފިނަމަ އަދިވެސް އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.