23 Aug 2016, 15:07
ހައްޖުވެރިންނަށް ދިނުމަށް ޖަމާއަތްތަކުން އެއްބަސްވި ހިދުމަތްތައް ނުދޭނަމަ އެ ޖަމާއަތަކަށް އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުދޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ މިއަދު ވިދާޅުވީ، ހައްޖު ޖަމާއަތްތަކުން ތިން ޕެކޭޖަކަށް ހައްޖާޖީންގެ އަތުން ފައިސާ ނަގާފައިވާއިރު އެ ޕެކޭޖުތަކުގައި ބުނެފައިވާ ހިދުމަތް ފޯރުކޮށްދޭތޯ ސައުދީގައި ހަރަކާތްތެރިވާ ހައްޖު މިޝަނުން ބަލާނެ ކަމަށެވެ. އެގޮތުން ހައްޖު މިޝަންގެ ބޭފުޅުން ހައްޖުވެރިން ތިބޭ ހޮޓާތަކަށްގޮސް ބަލާނެ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް ބަލާނެ ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވާގޮތަށް ޚިދުމަތް ލިބޭތޯ." މުސްތަފާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހައްޖު މިޝަންގެ ބޭފުޅުން ޖަމާއަތްތަކުގެ ހިދުމަތްތަކާ ގުޅޭ ރިޕޯޓެއް ތައްޔާރު ކުރާނެ ކަމަށާއި އެކަންކަން ނުކޮށްދޭނަމަ ޖަމާއަތްތައް ޑިސްކޮލިފައިކުރާނެ ކަމަށެވެ.
ބައެއް ހައްޖު ޖަމާއަތްތަކުން ވަނީ ކޯޓާ ލިބުނުލެއް ލަސްވެ ކަމަށް ބުނެ ކުރިން އިއުލާންކުރިގޮތަށް ތިބުމުގެ ކަންކަމާއި ހުރުމުގެ ކަންކަން ހަމަނުޖެހިދާނެ ކަމަށް ބުނެފައެވެ.
އެކަމާ ގުޅޭގޮތުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، ޕްރޮޕޯސަލްއަށް ކަންކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
ހައްޖުވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ހައްޖު މިޝަންގެ 12 މީހުންގެ ޓީމެއް ސައޫދީގައި ހަރަކާތްތެރިވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖަށް ދާއިރު އޭގެތެރެއިން 193 މީހުން ނޫން އެންމެން މިވަގުތު ތިބީ ސައުދީގައެވެ. އެންމެ ފަހު ގުރޫޕު މިއަދު ފުރާފައިވާއިރު މިރޭ އެގުރޫޕަށް ސައުދީއަށް ދެވޭނެއެވެ.