23 Aug 2016, 13:29
މި އަހަރުގެ ބޮޑު އީދު ކުޅިވަރުތަކުގެ ލައިވް ކަވަރޭޖް އއ. ތޮއްޑޫ އިން ގެނެސްދޭން ސަން މީޑިއާ ގުރޫޕުން ނިންމައިފި އެވެ. ތޮއްޑޫއިން އީދު ކުޅިވަރު ތަކުގެ ލައިވް ކަވަރޭޖް ސަން އިން ގެނެސްދޭނީ އެރަށު ސޯސަން ކުލަބާ ގުޅިގެންނެވެ.
މި ކަމާ ގުޅޭ އެއްބަސްވުމުގައި ސަން މީޑިއާ ގުރޫޕާއި ތޮއްޑޫ ސޯސަން ކުލަބުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. ސަން މީޑިއާ ގުރޫޕުގެ އޮފީހުގައި، އޮތް ރަސްމިއްޔާތެއްގައި ތޮއްޑޫ ސޯސަން ކުލަބުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުލަބުގެ ރައީސް ގާސިމް މޫސާ އެވެ. ސަން މީޑިއާ ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ ސިނާން އަލީ އެވެ.
ސަގާފީ ކުޅިވަރުގައި ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް ކުލަބް ކަމަށްވާ ތޮއްޑޫ ސޯސަން ކުލަބުން އަންނަނީ މި އަހަރުގެ ބޮޑު އީދު ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަން ތައްޔާރު ވަމުންނެވެ. އެ ގޮތުން އީދާ ގުޅޭ ވަރަށް ގިނަ ކުޅިވަރުތަކެއް ކުރިޔަށް ގެންދިއުމަށް ނިންމައި، ފަރިތަކުރުންތައް ކުރިޔަށްދާ ކަމަށް ކުލަބުގެ ރައީސް ގާސިމް މޫސާ ވިދާޅުވި އެވެ.
"މި އަހަރުގެ ބޮޑު އީދުގައި އަނެއްކާވެސް ސޯސަން ކުލަބުގެ ކުޅިވަރުތައް އޭގެ ހަގީގީ ފެންވަރުގައި ފެނިގެންދާނެ. ވަރަށް ގިނަ ކުޅިވަރުތައް ފެނިގެންދާނެ. މުޅި ރާއްޖެ އަށް ބެލިޔަސް މި އަހަރު ތޮއްޑޫގެ އީދު ކުޅިވަރުތައް ފާހަގަކޮށްލެވޭނެ" ގާސިމް ވިދާޅުވި އެވެ.
ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، އީދުގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށް ރަށެއް އިޚުތިޔާރު ކުރުމުގައި ވަރަށް ގިނަ ކަންކަމަށް ބެެއްލެވި ކަމަށެވެ. އެ ގޮތުން ދަތުރުފަތުރުގެ ފަސޭހަ އާއި އީދުގެ ތިން ދުވަހަށް ބަހައިލައިގެން ކުރިޔަށް ގެންދާ ކުޅިވަރު ތަކުގެ އަދަދާއި އެ ކުޅިވަރުތައް އިންތިޒާމު ކުރެވިފައިވާ ފެންވަރު ހިމެނޭ ކަމަށް ސިނާން ވިދާޅުވި އެވެ.
ތޮއްޑޫ ސޯސަން ކުލަބަކީ، ރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުލަބެވެ. އެ ޖަމިއްޔާ އުފައްދާފައި ވަނީ 1971 ވަނަ އަހަރު އެވެ. ބަނޑިޖާ ޖެހުމާއި ތާރަ ފަދަ ސަގާފީ ކުޅިވަރުތަކަށް ޒަމާނުއްސުރެ މަޝްހޫރު ސޯސަން ކުލަބަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެ ކުލަބުގެ ބަނޑިޔާ އަދި ތާރަ ފަދަ ކުޅިވަރުތައް ކުޅެފައިވާ ކުލަބެކެވެ. ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ގައުމީ ފެންވަރުގެ ބޮޑެތި މުނާސަބާ ތަކުގައި ސޯސަން ކުލަބުގެ ކުޅިވަރުތައް ފެނިފައިވެ އެވެ.
މި އަހަރުގެ ބޮޑު އީދާ ގުޅުވައިގެން ކުރިޔަށް ގެންދާ "ތޮއްޑޫ ސޯސަން އީދު އުފާ 1437" ގެ ހަރަކާތްތަކުގެ ތެރޭގައި، ތާރަ އާއި ލަނގިރި، ބަނޑިޔާ، މަންގަލަން ދަނޑި، ދަފިނެގުން، މާލި ނެރުން، މާފަތި ނެށުން އަދި ޑްރާމާ ފަދަ ކުޅިވަރުތައް ހިމެނޭނެ އެވެ.
"ތޮއްޑޫ ސޯސަން އީދު އުފާ 1437" ގެ ލައިވް ކަވަރޭޖުގައި ސަން މީޑިއާ އިން ކުރިޔަށް ގެންދާނީ، ސަން ޓީވީ އާއި ސަން އެފްއެމް އަދި ސަން އޮންލައިން ގުޅިގެންނެވެ. މި ލައިވް ކަވަރޭޖުގައި ސަން މީޑިއާ އެ ހުރިހާ އައުޓްލެޓްތަކުން މުވައްޒަފުން ބައިވެރިވާނެ އެވެ.