31 May 2011, 09:50
ތަޢްޒު : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ވެރިކަން ވައްޓާލުމަށް ޓަކައި މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަމުންގެންދާ ރައްޔިތުންގެ ތެރެއިން އެޤައުމުގެ ތަޢްޒުގެ މައިދާނެއްގައި ކޭންޕްޖަހައިގެންތިބި އެތަށް ހާސްބަޔަކާ ދެކޮޅަށް ޔަމަންގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 46 މީހަކު މަރުވެ ގިނަޢަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެވެ.
ތަޢްޒުގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރީ އެރަށުގެ އެންމެ ބޮޑު މައިދާން ކަމަށްވާ "ސާޙަތުލްއިޢްތިސާމް" ޙިސާރުކޮށް އެތާނގައި އެމީހުން ކޭންޕްތައް ޖަހައިގެން އެކޭންޕްތަކުގައި ސުލްޙަވެރިކަމާއެކު އިށީންދެ ތިއްބައި ކަމަށް ބީ.ބީ.ސީ. ޚަބަރުދެއެވެ.
މިހާ ގިނަ ޢަދަދެއްގެ ބަޔަކު މަރުވީ، ކޭންޕްޖަހައިގެންތިބި މީހުންގެ އެއްވުން ރޫޅާލައި އެމީހުން އެތަނުން ބޭރުކޮށްލުމަށްޓަކައި ޔަމަންގެ ސަލާމަތީ ބާރުތަކުން އެކޭންޕްތަކުގައި ހުޅުޖެހުމާއެކު ކޭޕްތަކުގައި އަލިފާންރޯވެ ފިހިގެން ކަމަށް މަންޒަރުދުށްމީހުން ބުނެއެވެ.
އަނދާ ހުލިވެފައިވާ ކޭންޕްތަކުގައި ފިހިގެން މަރުވެފައިވާމީހުންގެ ތެރޭގައި ނުކުޅެދޭ މީހުންގެ 4 މީހަކު ހިމެނޭކަމަށާއި އެމީހުންގެ ހަށިތައްވަނީ ވަރަށް ބޮޑަށް ފިހި ހަލާކުވެފައި ކަމަށް ޚަބަރުތައް ބުނެއެވެ.
ޔަމަންގެ ސަލާމަތީ ބާރުތަކުން ތަޢްޒުގައި ހިންގި މި ޤަތްލު ޢާންމާ ދެކޮޅު ހެދުމުގެ ގޮތުން ޔަމަންގެ ވެރިރަށް ސަންޢާގައި މިހާރުދަނީ އެތަށް ލައްކަބަޔަކު މުޒާހަރާ ކުރަމުންނެވެ. ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ވެރިކަން ވައްޓާލުމަށްޓަކައި ޔަމަންގެ ރައްޔިތުން މުޒާހަރާކޮށް އިޙްތިޖާޖްތައް ކުރަމުންގެންދާތާ މިހާރުވަނީ ފަސްމަސް ވެފައެވެ.
ސުލްޙަވެރިކަމާއެކު ކުރިޔަށްދާ މިއިޙްތިޖާޖްތަކާ ދެކޮޅަށް ޔަމަން ގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން 300 އަށްވުރެ ގިނަމީހުން ޒަޚަމްވެ އެތަށް ހާސްބަޔަކުވަނީ ޒަޚަމްވެފައެވެ. (ބީ.ބީ.ސީ)