23 Aug 2016, 13:18
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު އަންނަ ބުރާސްފަތި ދުވަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
އެ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ނިމިފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް ރޭ ކުޅުނު މެޗަށްފަހު އެވެ.
ތިން ވަނަ ބުރުގެ މެޗުތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ބީޖީ ސްޕޯޓްސް ކްލަބެވެ.
އަންނަ ހުކުރު ދުވަހު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ހުކުރު ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
އެ މެޗުތަކަށް ފަހު ދެން ލީގުގެ ކުޅުން ފަށާނީ ގައުމީ ޓީމު ކުޅޭ މެޗުތަކަށްފަހު އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. މި މަހުގެ 29 ވަނަ ދުވަހު ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ނުކުންނާނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިން ޓީމާ ދެކޮޅަށެވެ.
އެ މެޗަށްފަހު އަންނަ މަހުގެ އެއް ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމު ނުކުންނަ އިރު، އަންނަ މަހުގެ ހަ ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރުގެ މެޗުގައި ލާއޯސްއާ ދެކޮޅަށް ގައުމީ ޓީމު ނުކުންނާނެ އެވެ. ގައުމީ ޓީމު ކުޅޭ އެ ތިން މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.