23 Aug 2016, 13:09
ސޯޝަލް މީޑިއާގެ މަޝްހޫރު އެކްޓިވިސްޓް ގ. އަރިސް، ޝަމްއޫން ޖަލީލު ( ލޫކަސް ޖަލީލު) ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ލޫކަސް ޖަލީލުގެ މައްޗަށް ތުހުމަތު ކުރެވެނީ ގައުމުގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން ލޫކަސް ޖަލީލުގެ 15 ދުވަހު ފުލުހުންގެ ބަންދުގައި ބަހައްޓަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު މައްސަލަ ނިންމައި ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ލޫކަސް ޖަލީލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލުގެންނަން ޖެހޭނެތަނެއް ނެތް ކަމަށެވެ.
އެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ މީހަކު ބަންދު މުއްދަތު ޖެހުމުގައި ފަނޑިޔާރު ބަލަން ޖެހޭނީ ހަމައެކަނި ތުހުމަތު ކުރެވޭ މީހާގެ ފަރުދީ މަސަލަހަތަށް ނޫން ކަމަށާއި މުޖުތަމައުގެ ހައްގު ރައްކާތެރި ކުރެވޭނެ ގޮތްތަކަށް ވެސް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ.
ލޫކަސް ޖަލީލުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ތުހުމަތު އުފެދޭ މިންވަރުގެ އެކަށީގެންވާ ހެކި ފުލުހުންގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުން ވަނީ ލޫކަސް ޖަލީލު ބަންދުގައި ބަހައްޓަން ދެވެނަ ފަހަރަށް 15 ދުވަސް ޖަހައިފަ އެވެ. އެ މައްސަލަ ވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.