23 Aug 2016, 12:46
ވޯލްޑް ކަޕް 2018 އަށް ފަހު، އާޖެންޓީނާ ކްލަބު ނިއުއެލްސް އޯލްޑް ބޯއީސް އަށް ސްޕެއިންގެ ބާސެލޯނާ ތަރި ލިއޮނެލް މެސީ އަލުން ގުޅޭނެ ކަަމަށް އުންމީދު ކުރާ ކަމުގައި އެ ކްލަބުން ބުނެފިއެވެ.
ބާސާގެ އެކަޑަމީއާ މެސީ ގުޅިފައިވަނީ ނިއުއެލްސްގެ ކުޅުންތެރިއެއްގެ ގޮތުގައި އެ ކްލަބަށް ކުޅުމަށްފަހުއެވެ.
އެ ކްލަބުން ބާސާއާ ގުޅުމަށްފަހު މެސީ ވަނީ ތާރީހުގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އެގޮތުން އޭނާ ވަނީ ފަސް ފަހަރު ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.
"ނިއުއެލްސްގެ ޖާޒީގައި މެސީ ކުޅެ ތާރީހުގެ ތެރެއިން ޖާގަ ހޯދަން އަހަރެމެން ބޭނުން. މެސީ އަހަރެމެންނަށް ކުޅޭ މެޗެއް ނަމަ، ސްޕޮންސަރުން ލިބޭނެ. އިގްތިޞާދީ ގޮތުން ވެސް ފައިދާތަކެއް ކުރާނެ. އަދި ދަރަނިތަކުން ވެސް ސަލާމަތްވެވޭނެ. އަހަރެން އުންމީދުކުރަން ވޯލްޑް ކަޕަށްފަހު އޭނާ ކްލަބާ ގުޅޭނެ ކަމަށް،" ނިއުއެލްސްގެ ނައިބު ރައީސް ކްރިސްޓިއަން ޑިއެމިކޯ ވިދާޅުވި އެވެ.
ބާސާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން 2018 ވަނަ އަހަރު ނިމުމަކަށް އަންނަ އިރު، މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ ބާސާ އަށް ތިން ލަނޑު ކާމިޔާބުކޮށްދީފަ އެވެ.