މާލޭގައި ވަރަށް ގިނަ ޢިމާރާތްތަކެއް ގަވާއިދާ ހިލާފަށް އަދި ސަލާމަތީ ގޮތުން ނުރައްކާތެރި ގޮތްގޮތަށް ހުންނަކަން ފާހަގަކުރެވިފައި ވާތީ އިސްލާހުކުރުމަށް އެންގުމުން އިސްލާހް ކުރާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ ސާވޭއާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މާލޭ ގޭގޭއަށް ވަދެ ބަލަމުން ދާއިރު ފާހަގަ ކުރެވޭ ކަންކަން އިސްލާހު ކުރަން ދަނީ އަންގަމުން ކަމަށާއި ގިނަ ފަރާތްތަކުން އެކަންކަން އިސްލާހު ކުރާ ކަމަށެވެ.

"މައްސަލަތައް ފާހަގަ ކުރެވޭ، ރަނގަޅު ކުރަން ނޯޓިސް ދޭންޖެހޭ ނަމަ ދެން، ފުރަތަމަ އަނގަބަހުން ނަސޭހަތް ދެނީ، އެއްބާރުލުން ފުދޭވަރަކަށް ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ވެސް މުޅި މާލެ ކަވަރުވަންދެން އެސާވޭ ކުރިއަށްގެން ގޮސް އިސްލާހު ކުރަން ޖެހޭ ކަންކަން އަންގައި އިސްލާހު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސާވޭގައި މައިގަނޑު ގޮތެއްގައި ބަލާނެ ކަންތައްތަކަކީ:

- ހަދާފައިވާ އިމާރާތްތަކުގެ ބެލްކަނީ، ސިޑި އަދި ޓެރަސް ފަދަ ތަންތަނުގެ ޗެންޗޭނު (ރެއިލިންގް) ޖަހާފައިވޭތޯ

- ލިފްޓް ގޮޅިތައް ސަލާމަތީ ގޮތުން ރައްކާތެރިކޮށްފައިވޭތޯ

- ވެންޓިލޭޝަންތައް ހުރީ ގަވާޢިދާ އެއްގޮތަށްތޯ

- ވައިގޮޅިތައް ހުރީ ގަވާޢިދާ އެއްގޮތަށް، ވައި ދައުރުކުރާ ގޮތަށް އަދި ސާފުތާހިރުކޮށްތޯ

- އާންމު ޙިދުމަތްދޭ ތަންތަނަށް ނުކުޅެދޭ ފަރާތްތަކަށް ވަދެވޭތޯ ބެލޭނެ އެވެ.

ސަލާމަތީ މިންގަނޑުތަކަށް ނުބަލައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ހައުސިން އިން ބުނެ އެވެ. އެހެންކަމުން ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ތަންތަނުގައި ބެލުމަށް ހަމަޖެހިފައި ވަނީ:

- މަސައްކަތް ކުރާ ތަނުގައި ސަލާމަތީ ގޮތުން ޖަހަން ޖެހޭ ބިއްގަނޑު ނުވަތަ ދާ ޖަހާފައިވޭތޯ

- މަސައްކަތް ކުރާ ފަރާތްތައް މަސައްކަތް ކުރަނީ އެކަށީގެންވާ ހެދުމުގައިތޯ

- މަސައްކަތް ކުރާ އަށިތަކާއި އެލުވާލާފައިވާ އަށިތަށް ހުރީ ގަބޫލުކުރެވޭ ގޮތަކަށްތޯ

- ކޮނުމުގެ މަސައްކަތް ކުރަނީ ގަވާޢިދާ އެއްގޮތަށްތޯ

- ފައުންޑޭޝަން ހިމާޔަތްކުރަމުންދަނީ އެކަށީގެންވާ މިންގަނޑެއްގައިތޯ

މިފަދަ މަސައްކަތެއް ފަށާފައިވާ އިރު، އިމާރާތް ކުރުމުގައި ބަލަން ޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާފަދަ ހާދިސާތައް ހިނގައި، ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ.