ޕަޓްނާ(އޮގަސްޓް 23): އިންޑިއާގެ މަދްޔާ ޕްރަދޭޝްއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 17 މީހަކު މަރުވެ، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

އެހެންކަމުން މަދްޔާ ޕްރަދޭޝްގެ ޗީފް މިނިސްޓަރު، ޝިވްރާޖް ޗޯހާން ވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވާފައެވެ. ނަމަވެސް އެޒިޔާރަތުގައި، ފައިގެ ކަށިމައްޗާ ހަމައަށް އަރާވަރުގެ ފެންގަނޑެއް މިނިސްޓަރު ޗޯހާން ހުރަސް ކުރެއްވީ ދެ ފުލުހުންގެ އަތްދަނޑިމަތީގައެވެ.

ހުދު ކުލައިގެ ބޫޓަކާއި އިސްޓާކީނު ތުރުކުރައްވައިގެން ހުންނެވި މިނިސްޓަރު ޗޯހާން އެގޮތަށް ފެންގަނޑު ހުރަސް ކުރައްވާ މަންޒަރު ފެންނަ ފޮޓޯ ވަނީ މާގިނަ އިރުތަކެއް ނުވެ ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައެވެ. އެއީ މިނިސްޓަރު ވައިގެ މަގުން، މަދްޔާ ޕްރަދޭޝްގެ ހާލަތު ބައްލަވަނީ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ އިރު، ޓުވިޓާ ބޭނުން ކުރާ އެހެން ފަރާތަކުން ވަނީ އެއީ 'ފްލަޑް އޮލިމްޕިކްސް' ކަމަށް ބުނެފައެވެ.

އެ ފާޑުކިޔުންތަކަށް ޗީފް މިނިސްޓަރުގެ އޮފީހުން ވަނީ ރައްދު ދީފައެވެ. އެއޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިނިސްޓަރު އުފުލަން ފުލުހުން ނިންމީ ފެންގަނޑު ހުރަސް ކުރައްވަނިކޮށް މިނިސްޓަރުގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އަދި އެއީ މިނިސްޓަރު އެދި ވަޑައިގަނެގެން ނޫން ކަމަށާއި، މިނިސްޓަރުގެ ސަލާމަތަށްޓަކައި ފުލުހުން ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތަކުގައިވެއެވެ. (ހިންދުސްތާނުޓައިމްސް)