އަންކާރާ (އޮގަސްޓް 23): ތުރުކީގެ އަސްކަރިއްޔާ އިން ސީރިއާގެ ޖަރާބުލުސްގައި އައިއެސް ހަނގުރާމަވެރިން ތިބޭ ސަރަހައްދުތަކަށާއި، މަންބިޖުގައި އޮންނަ މަންބިޖުގައި ކުރުދީން ތިބޭ ސަރަހައްދުތަކަށް ހަމަލާ ދީފި އެވެ.

ރޮއިޓާސްގައިވާ ގޮތުން ތުރުކީ އާއި ސީރިއާއާ ދެމެދު އޮންނަ ހުރަސް ރޮނގު މަތިން، ތުރުކީގެ އަސްކަރިއްޔާ އިން އައިއެސް އާއި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާ ދެމުން ދަނީ ދެގައުމުގެ ހުރަސް ރޮނގު ކައިރިން ހަނގުރާމަވެރިން ފޮނުވާލުމަށްޓަކަ އެވެ.

ސީރިއާގެ ކުރުދީ ހަނގުރާމަވެރިން ވެސް ހަމަލާ ދެމުން ދަނީ އައިއެސްއާ ދެކޮޅަށް ނަމަވެސް، ތުރުކީން ދެކޭ ގޮތުގައި ކުރުދީ ވައިޕީޖީ ހަނގުރާމަވެރިންނަކީ ތުރުކީން މަނާކޮށްފައިވާ ކުރުދިސްތާނު ވޯކާސް ޕާޓީ (ޕީކޭކޭ)ގެ ބައެކެވެ. އެހެންކަމުން، ސީރިއާގެ ބިންތަކުން އައިއެސްގެ ހަނގުރާމަވެރިން ފޮނުވާލުމަށް ފަހު އެބިންތަކަށް ކުރުދީން ވެރިވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ތުރުކީން ދެކެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އާދިއްތަ ދުވަހު ތުރުކީގެ ގާޒިއަންޓެޕަށް އައިއެސް ދިން ކަމަށް ބެލެވޭ ބޮމުގެ ހަމަލާ އަކީ، ތުރުކީން އެހަމަލާތައް ދޭން އުޅޭކަން އެނގުމުން ދީފައިވާ ހަމަލާއެކެވެ. ގާޒިއަންޓެޕަށް ދިން ހަމަލާގައި 51 މީހަކު މަރުވެ، 69 މީހަކަށް އަނިޔާވި ކަމަށް ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވި އެވެ.

އަދި މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ، ހަމަލާ ދިން ކަމަށް ލަފާ ކުރެވެނީ 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުއްޖެއް ކަމަށް ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވިދާޅުވި އެވެ. ނަމަވެސް ހަމަލާ ދިން ކުޑަކުއްޖާ ލައިގެން ހުރި، ބޮން ހަރު ކޮށްފައިވާ ވެސްޓް ގޮއްވާލާފައި ވަނީ އެކުއްޖާ އަމިއްލައަށް ކަމެއް ނުވަތަ ރިމޯޓަކުން ކަން އަދި ނޭނގޭ ކަމަށް ރައީސް އުރުދުޣާން ވިދާޅުވި އެވެ. (އަލްޖަޒީރާ)